ކުޅިވަރު

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ސައުދީއާއެކު އެއްބަސްވުމަކަށް


ރާއްޖޭގެ ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސައުދީ ޢަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. އަދި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޔާސިރް އަލް މިސެހާލްއެވެ.

މިއެއްބަސްވުގައި ސޮއިކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ފުޓްބޯޅައިގެ މުހިންމު ދުވަހެއްކަމަށެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއަށް ގިނަ ދޮރުތަކެއް ހުޅުވޭނެކަމަށް ބާއްސާމްގެ ޓުވީޓުގައި ވިދާޅުވިއެވެ. އެފްއޭއެމްއިން ބުނީ މިއެއްބަސްވުމުގެ ސަބަބުން ކުޅުންތެރިންނަށް ތަމްރީނު ފުރުސަތުތަކާއި އިދާރީ ބައިގެ އިތުރުން ކޯޗުން ތަމްރީން ކުރުމަށްވެސް ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި ޓެކްނިކަލް ސްޕޯޓްސް މިއެއްބަސްވުމުގެ ދަށުން ލިބޭނެއެވެ.

ބައްސާމު ވަނީ މީގެ ކުރިންވެސް ގަތަރާއެކު ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއާއެކު ރާއްޖޭގެ ސީނިއަރ ފިރިހެން ޓީމު ވަނީ 2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ކުރިން ގަތަރުގައި ކޭންޕްކޮށްފައެވެ. އަދި މެދުއިރުމަތީގެ ގައުމުތަކާއެކު ބައްސާމް ދަނީ ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހި ކުރަމުންނެވެ. ގަތަރުގެ އިތުރުން ޖަޕާން އަދި ދެކުނު ކޮރެއާއެކު ވެސް އެފްއޭއެމްއިން ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ރާއްޖޭގެ މަޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބުން ސައުދީގައި ކޭންޕްކޮށްފައިވެއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސައުދީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އާއި ސައުދީ ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް އަލްކަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.