ކުޅިވަރު

ފީފާގެ ކަލަންޑަރު މުރާޖާ ކުރުމުގައި ރާއްޖޭގެ ބައިވެރިވުން


ފީފާގެ އިންޓަނޭޝަނަލް މެޗު ކަލަންޑަރު މުރާޖާ ކުރުމުގެ ޕްރޮޕޯސަލަށް ރާއްޖެއިންވެސް ތާއީދުކޮށްފިއެވެ. ފީފާގެ 71 ވަނަ ކޮންގްރެސްގައި ފީފާގެ އިންޓަނޭޝަނަލް މެޗު ކަލަންޑަރު މުރާޖާ ކުރުމުގެ ޕްރޮޕޯސަލަށް ރާއްޖެއިން ތާއީދުކޮށްފައިވާއިރު މިސަރައްހަދުގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ، ނޭޕާލް އަދި ބަންގަލްދޭޝްއިން ވަނީ ތާއީދުކޮށްފައެވެ. މިކަމާއި ގުޅިގެން މި4 ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ އިންޓަނޭޝަނަލް މެޗުތަކުގެ އުތުރުން ފުޓްބޯޅައަށް ގެންނަން ޖެހޭ ބަދަލުތަކަށް ފުޅާދައިރާއެއްގައި މަޝްވަރާ ކުރަންޖެހޭކަމަށެވެ.

މެއިމަހުގައި އޮތް ފިފާގެ ކޮންގްރެސްގައ މިބަޔާނަށް ވޯޓު އެހިއިރު، 162 ވޯޓު ލިބިފައިވެއެވެ. މިބަޔާންގައި އެންމެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައިވަނީ އޭޝިޔާގެ ބައިވެރިވުން ބޮޑު ކުރުމާއި ބެހޭގޮތުންނެވެ. އޭގެ ތެރޭގައި ފިފާގެ ބޮޑެތި މަޝްވަރާތަކުގައި އޭޝިޔާގެ ގައުމުތަކުގެ ބައިވެރިވުން އިތުރު ކުރުމެވެ. އަދި ބައިނަލަގްވާމީ މައިދާނުގައިވެސް އޭޝިޔާގެ ގައުމުތަކަށް އޮންނަ ފުރުސަތު ކުޑަވުމުގެ އިތުރުން ވޯލްޑްކަޕްގައި ވެސް އޭޝިޔާގެ ގައުމުތަކަށް ލިބޭ ފުރުސަތު ކުޑަކަން މިބާޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޔޫރަފްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އޭޝިޔާގެ ގައުމުތަކަށް ވެސް ހަމަހަމަ ފުރުސަތު އޮންނަންޖެހޭކަމަށް މި ހަތަރު ގައުމު ވެގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން އިސްވެ، ވަނީ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ހުށައަޅާފައެވެ. އެއީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕް ދެ މުބާރާތް ވެސް އެ ގޮތަށް ގެންދިއުމަށެވެ. އަދި ފީފާ އިން ވަނީ މި ހުށަހެޅުން ބަލައިގެންފައެވެ.