ކުޅިވަރު

ބޭލްގެ ހެޓްރިކާކު ވޭލްސްއަށް މުހިއްމު މޮޅެއް


ވޯލްޑްކަޕް ކޮލިފައިން ޔޫރަޕިއަން ކޮލިފައިން ގުރޫޕް އީ ގައި ވޭލްސް އިން މުހިންމު މޮޅެއް ހޯދައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ވޭލްސް ކުރި ހޯދީ ބެލަރޫސްއާ ވާދަކޮށް 3-2 ލަނޑުންނެވެ.

މިމެޗުގައި ވޭލްސް ކެޕްޓަން ގެރެތް ބޭލް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުން ވޭލްސް މޮޅުވި ލަނޑު ބޭލް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރުވަގުތުގައެވެ. ބެލަރޫސް އިން ޖެހި ދެލަނޑު ކާމިޔާބުކޮށްދިނީ ލިސަކޮވިޗް އާއި ސެޑްކޯއެވެ.

ރޭ މި ގުރޫޕްގައި ބެލްޖިއަމް ވަނީ ޗެކްރިޕަބްލިކް މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ. ބެލްޖިއަމް އެއްވަނައިގައި އޮތީ ކުޅުނު 5 މެޗުން ހޯދި 13 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޗެކްރިޕަބްލިކް އޮތީ 5 މެޗުން ހޯދި 7 ޕޮއިންޓާއެކުގައެވެ. މިހާތަނަށް ވޭލްސް ކުޅުނީ ކޮލިފައިންގައި ތިން މެޗެވެ. ތިން މެޗުން ހޯދި 6 ޕޮއިންޓާއެކު ވޭލްސް އޮތީ ތިންވަނައިގައެވެ. ބެލަރޫސްއަށް 4 މެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފަވާއިރު ގުރޫޕްގެ ފުލުގައި އޮތް އެސްޓޯނިޔާއަކަށް ޕޮއިންޓެއް ނުލިބެއެވެ.