ކުޅިވަރު

ދެވަނަ މެޗުގައި އިންޑިޔާއިން ނޭޕާލްގެ މައްޗަށް ކުރި ހޯދައިފި


ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް އިންޑިޔާއިން ކުޅުނު ދެވަނަ މެޗްގައި ނޭޕާލްގެ މައްޗަށް ކުރި ހޯދައިފިއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް މިސަރައްހަދުގެ ގައުމުތަކުންދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިޔާއިން ވަނީ ނޭޕާލާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، އިންޑިޔާ އާއި ނޭޕާލް ކުޅުނު ފުރަތަމަ މެޗު ވަނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައެވެ. ނަމަވެސް މިދެ ޓީމް އިއްޔެ ކުޅުނު މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނެގީ އިންޑިޔާއިންނެވެ. މިދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީ އާއި ފާރޫކް ޗޯދުރީއެވެ. ނޭޕާލްގެ ގޯލު ޖެހީ ތަމަންގްއެވެ.

2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ތަށި ރާއްޖެއިން ކާމިޔާބުކުރިއިރުގައި އިންޑިޔާއިން އެފަހަރު މުބާރާތްތައް ފޮނުވާފައިވަނީ އެގައުމުގެ ޖުނިއަރ ޓީމެވެ. ނަމަވެސް މިފަހަރު އިންޑިޔާއިން ސާފް ޗެންޕިއަންޝިޕަށް ފޮނުވުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ސީނިއަރ ޓީމެވެ. އެއީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެގައުމުން ބޭނުންވިކަހަލަ، ނަތީޖާއެއް ނުނެރެވުމާއި ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތަކަށް ތައްޔާރު ވުމުގެ ގޮތުންނެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ސްރީލަންކާ އާއި ނޭޕާލުން ވެސް ވަނީ ގަތަރުގައި ކޭންޕް ކުރުމަށް ނިންމާފައެވެ. އަދި ރާއްޖެއިން ވެސް ވަނީ ގަތަރުގައި ކޭންޕް ކުރުމަށް ނިންމާފައެވެ. ރާއްޖެއިން މިމަހުގެ 10ވަނަ ދުވަހު ގަތަރުގައި ކުރާ ކޭންޕުގައި އެކުވެރިކަމުގެ 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަނުކުރުމަށް ބޫޓާނުން ނިންމާފައިވަނީ އެގައުމުގައި ކޯވިޑުގެ ހާލަތު އޮތް ގޮތުން، ޒަރޫރީ ހާލަތެއްގައި ނޫނީ، އެގައުމުގެ ރައްޔިތުން ދަތުރުކުރުމުގެ ހުއްދަ ނެތުމުންނެވެ. ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރަން ނިންމާފައިވާއިރު، ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް ފީފާއިން އެގައުމުގެ ސަސްޕެންޝަން އުވާލައިފިނަމަ، ޕާކިސްތާނަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ސާފުންވަނީ ބުނެފައެވެ.