ޅ.އަތޮޅުގައި ގައުމީ 23 އަހަރުން ދަށުގެ ޓީމް މިހާރު ކުރަމުންދާ ކޭންޕުގައި އެޓީމް ކުޅުނު ދެވަނަ މެޗް އެއްވަރުވެއްޖެއެވެ. ގައުމީ ޓީމު މިހާރު ތައްޔާރުވަމުންދަނީ އޭޝިއަން ކަޕުގެ ކޮލިފައިންއަށެވެ. 23 އަހަރުން ދަށުގެ ޓީމް ކުޅުނު ދެވަނަ މެޗްގައި އެއްވަރުވީ 1 ލަނޑު 1 ލަނޑުންނެވެ.
މިމެޗްގައި ގައުމީ ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޔާމީން (ޔާން)އެވެ. ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ނައިފަރު އަތުން ވެސް ވަނީ އެއްވަރުވެފައެވެ. މި ކޭމްޕް ނިންމާލުމަށްފަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހެވެ.
މިދަތުރުގައި ޒުވާން ޓީމުން ޖުމްލަ 5 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، މިޓީމަށް އިރުޝާދު ދެމުން އަންނަނީ ޓީމުގެ ދެ އެސިސްޓެންޓް ކޯޗުންކަމަށްވާ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ސަބާހު މުޙައްމަދު އިބްރާހީމާއި ވެލެންސިއާ ކުރީގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޝާހިދު (ޝާޑު)އެވެ. ޅ.އަތޮޅަށް ފުރުމުގެ ކުރިން މީޓީމުން ވަނީ މާލޭގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ޅ.އަތޮޅަށް ފުރާފައިވާ ޓީމުގައި 30 ކުޅުންތެރިން ހިމެނޭއިރު، ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކުޅެފައިވާ ގިނަ ކުޅުންތެރިން ހިމެނެއެވެ.
23 އަހަރުން ދަށުގެ ގައުމީ ޓީމް ފަރިތަކުރުންތައް ފަށާފައިވަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ރާއްޖެ ކުޅޭ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށެވެ. މިކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރައިން އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. މިގުރޫޕްގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައި ވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމާއި ކޮލިފައިންގައި ހިމެނޭ 11 ގްރޫޕުގެ ތެރެއިން 2 ވަނަ ހޯދާ ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމެވެ.