ވުލްފްސްބާގް އަތުން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފިއެވެ.ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް ވުލްފްސްބާގް އަތުން ބަލިވީ ތިނެއް ދޭކުންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މި ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް އެންތޮނީ މާޝިއަލްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވުލްފްސްބާގުން ދެ ގޯލް ޖަހައި މެޗުގެ ލީޑް ނެގިއެވެ. މި ލަނޑުތައް ޖަހައިދިނީ ނަލްޑޯ އަދި ވިއެރިންހާއެވެ. މެޗު ނިމެން ބާކީ އަށް މިނެޓް އޮއްވާ މެންޗެސްޓަރ ޔުނައިޓެޑުން ނަތީޖާވެސް ހަމަހަމަކުރިއެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓް ފަހުން ވުލްފްސްބާގުގެ ނަލްޑޯވަނީ އެޓީމްގެ ތިންވަނަ ލަނޑުޖަހައި ޔުނައިޓެޑް ސިއްސުވާލާފައެވެ. މި މެޗުން ބަލިވެ ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ކެޓީ ގްރޫޕްގެ ތިންވަނަ ލިބުމުންނެވެ. ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ވުލްފްސްބާގް ގަދަ ސޯޅައިން ޖާގަ ހޯދިއިރު، ދެވަނަ ޓީމްގެ ގޮތުގައި ގަދަ ސޯޅައިން ޖާގަ ލިބުނީ ޕީއެސްވީއަށެވެ. އެޓީމަށް ދެވަނަ ލިބުނީ ގްރޫޕްގެ ފަހު މެޗުގައި ޕީއެސްވީ ރޭ ސީއެސްކޭ މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރުމުންނެވެ.ގްރޫޕްގެ ތިންވަނަ ލިބުމުން މެންޗެސްޓަރ ޔުނައިޓެޑް ދެން މި ސީޒަންގައި ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.