ފީފާ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލާ ބެހޭގޮތުން ފުޓްބޯޅަ ތަރިންނާއި ކޯޗުންނަށް މައުލޫމާތު ދޭން ސެޝަންތަކެއް ބާއްވަން ނިންމައިފިއެވެ. މިކަން ކުރުމަށް ފީފާއިން ހަވާލުކޮށްފައިވަނީ ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އަސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާއާއެވެ.
ވެންގާ ވަނީ މީގެ ކުރިންގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ވޯލްޑް ކަޕް ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވަން ތާއީދުކޮށް ވާހަކަދައްކާފައެވެ. ވެންގާ ހުށައަޅާފައިވާ ޕްރޮޕޯސަލް ފީފާއިން ދިރާސާ ކުރަމުންދާއިރު، ބައެއް ގައުމުތަކުން މިޕްރޮޕޯސަލަށް ތާއީދު ނުކުރާނެކަމަށް މިހާރުވެސް ވަނީ ބުނެފައެވެ. 166 ގައުމުގެ ތާޢީދުއާއެކު ވެންގާންގެ މި ޕްރޮޕޯސަލް ފިފާއިން ބަލައިގަނެ ދިރާސާ ކުރަމުންދާއިރު، ފިފާގެ 22 ގައުމަކުން މިއަށް ތާއީދެއް ނުކުރެއެވެ.
ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ތާއީދު ނުކުރާ ގައުމުތަކުން ބުނަނީ ވޯލްޑް ކަޕަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ވަރަށް ވުރެއް ޝަރަފްވެރި މުބާރާތެއްކަމަށާއި ކޮންމެ ދެ އަހަރުން އެއް އަހަރު މުބާރާތް ބާއްވާނަމަ، އެމުބާރާތުގެ ފޯރި ކުޑަވެ، މަގްބޫލުކަން ގެއްލިދާނެކަމަށެވެ. ޔޫއެފާގެ ރައީސް އެލެގްޒެންޑާ ޝެފެރިން ވިދާޅުވީ ދެ އަހަރުން އެއްއަހަރު ވޯލްޑް ކަޕް ބާއްވައިފިނަމަ މީގެ ގެއްލުން ޔޫރަޕްގެ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ކުރާނެކަމަށެވެ. ޔޫރަފްގެ ގިނަ ގައުމްތަކުން ފީފާގެ މި ޕްރޮޕޯސަލަށް ތާއީދު ނުކުރާކަން ހާމަކުރުމުން، ޔޫރަޕްގެ ކޯޗުންނަށާއި ކުޅުންތެރިންނަށް އަމާޒްކޮށްގެން ފީފާއިން ވަނީ ގަތަރުގައި ޕްރޮޕޯސަލްއާއި ބެހޭ މަޢުލުމާތު ދިނުމުގެ ބައްދަލުވުތަކެއް ބާއްވަން ނިންމާފައެވެ.
މި ޕްރޮޕޯސަލާބެހޭގޮތުން ވެންގާ ބުނީ މިކަމުގެ ސަބަބުން ގިނަ ގައުމްތަކަށް ކުރާނީ ފައިދާކަމަށެވެ. ކޮލިފައިންގެ މެޗްތައް މަދުކޮށް، ވާދަވެރި މެޗްތަކެއް ގިނަގިނައިން ކުޅެލަން ލިބުމަކީ ޓީމުތަކަށް ކުރާނެ ފައިދާއެއްކަމަށެވެ. އަދި މިހާރު މިއަށް ތާއީދު ނުކުރާ ގައުމުތަކާ ވާހަކަދައްކައިންގެން ހައްލެއް ގެނެވޭނެކަމަށް އުއްމީދު ކުރާކަމަށް ވެންގާ ބުންޏެވެ.