ފަރްދީން ހާން އެންމެ ފަހުން ފެނިފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ފެނުނު އިރު ހުރީ ވަރަށް ބޮޑަށް ފަލަވެފައެވެ. އަދި ބައެއް މީހުން ބުނީ ފަރްދީން ފަލަވެ ސިފަ ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް ފަރްދީން މި ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ސިނަމާތަކަށް އަންނަން ތައްޔާރުވެފައެވެ.
ސަންޖޭ ގުޕްތާގެ ފިލްމަކަށް ފަރްދީން މިހާރުވަނީ ސޮއި ކޮށްފައެވެ.
"ވިސްފޮޓް" ގެ ނަން ދީފައިވާ މި ފިލްމުގައި ފަރްދީންގެ އިތުރުން ރިތޭޝް ދޭޝްމުކްވެސް ފެންނާނެއެވެ. އަދި ފަރްދީން މި ފިލްމުގައި ފެންނާނީ ކުރިން ޑްރަގް ބޭނުންކޮށްފައިވާ ޓެކްސީ ޑްރައިވަރެއްގެ ރޯލުންނެވެ އަދި ރިތޭޝް އަކީ ޕައިލެޓެކެވެ.
އެކަޑަމީ އެވޯޑް ޙާސިލްކޮށްފައިވާ ބޭރުގެ ފިލްމެއްގެ ރީމޭކެއް ކަމަށްވާ މި ފިލްމުގައި ދައްކާނީ ފަރްދީނަށް ނޭގި ރިތޭޝްގެ ދަރިފުޅު ކިޑްނެޕް ކުރުމުން ދެން ހިނގާ ހާދިސާތަކެކެވެ.
ޢައްބާސް ދަލާލު އަދި ޙުސައިން ދަލާލު ފައްކާކޮށްފައިވާ ވާހަކައެއްގެ މައްޗަށް މި ފިލްމު ޑައިރެކްޓްކުރާނީ "ހާފް ޓިކެޓް" އަދި "އިންދޯރު އިޝްޤު" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސަމިތް ކައްކަޑްއެވެ. ފިލްމު އުފައްދަން ވިސްނާތާ ތިން އަހަރަށްފަހު ގުޕްތާގެ ވައިޓް ފީޗަރ ފިލްމްސްގެ ބެނާރގެ ދަށުން ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަން މިހާރުވަނީ ހުރިހާ ތައްޔާރީއެއްވެފައެވެ.
1998 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ފިލްމު "ޕްރޭމް އަގާން" އިން ފިލްމީ ކެރިއަރު ފެށި ފަރްދީން އެންމެ ފަހުން ފެނިފައިވަނީ 2010 ވަނަ އަހަރު ދެއްކި ފިލްމު "ދުލްހާ މިލްގަޔާ" އިންނެވެ. އޭގަފަހުން ފިލްމަކުން ނުފެނި ގިނަ ދުވަސްތަކެއްވެފައިވާ ފަރްދީން ވަނީ "ނޯ އެންޓްރީ" ، "އޯލް ދަ ބެސްޓް" ، "ހޭ ބޭބީ" އަދި "އޯމް ޖޭ ޖަގްދީޝް" އިންވެސް ފެނިފައެވެ.