އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ގޯލް ކީޕަރުންގެ ފަރާތުން ފެނުނު މޮޅު ކުޅުން، މިއަހަރުވެސް ކީޕަރުންގެ ފަރާތުން ފެންނާނެކަމަށް ގަބޫލްކުރާކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް ބުނެފިއެވެ.
2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ގޯލް ބެލެހެއްޓި ފައިސަލްވަނީ އެމުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފައިސަލްގެ މޮޅު ކުޅުމާއެކު އެމުބާރާތުގެ ޗެންޕިއަންކަން ރާއްޖެ ހޯދާފައިވާއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބިފައިވަނީ ފައިސަލްއަށްވެ. އެފްއޭއެމުން އަބަދުވެސް ދިވެހި ގޯލް ކީޕަރުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ޒުވާން ގޯލް ކީޕަރުން އުފެއްދުމަށް ގޯލް ކީޕަރސް އެކަޑަމީއެއް އުފައްދާ އެ އެކަޑަމީގެ މަސައްކަތް ފަށާފައެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު، މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް، މިހާރު ގައުމީ ޓީމު ދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފަށް އަނިޔާވުމުގެ ސަބަބުން އަސްލަމް މަސައްކަތް ކުރަމުންދަނީ 3 ކީޕަރުންނާއެކުއެވެ. އެއީ ފައިސަލް އާއި މުޙައްމަދު ޝަފީއު (ޗެކް) އާއި ނާޖިހު ޢަލީ (ނާޖީ)އެވެ. ކީޕަރުންނާބެހޭގޮތުން ވާހަކަދައްކަމުން އަސްލަމް ބުނީ މިވަގުތު ޓީމުގައި ތިބި ކީޕަރުންނާމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި ކޮންމެ ކީޕަރެއްވެސް ވަރަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިފަހަރު ޓީމުގައި ތިބި 3 ކީޕަރުންނަކީވެސް ލީގުގައި ގިނަ މެޗްތަކެއް ކުޅެފައިވާ ކީޕަރުންނަށް ވުންކަމަށެވެ.
"އަޅުގަނޑު ބުނާނީ މި ފަހަރުގެ ގޯލްކީޕަރުންގެ ކޮމިޓްމަންޓް މާ ބޮޑަށް ވެސް ރަނގަޅޭ. ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ކުރީފަހަރު ފައިސަލް އެ ހޯދި ފަދަ ކާމިޔާބަކަށް މި ފަހަރު ވެސް އުއްމީދުކުރާށޭ. އަޅުގަނޑުގެ ހަމަ 100 ޕަސެންޓް ޔަގީން ކަމެއް އެބައޮތް އެ ވަރުގެ ބޮޑު ކާމިޔާބެއް މި ފަހަރު ވެސް ފައިސަލް ހޯދާނެ ކަމުގެ،" އަސްލަމް ބުންޏެވެ.
އަސްލަމްއާއެކު ގައުމީ ޓީމްގެ ކީޕަރުން ތަމްރީން ކުރުމުގައި ހަރަކާތްތެރިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު އިމްރާން މުހައްމަދެވެ. އިމްރާންވަނީ ގައުމީ ޓީމްގެ ގޯލް 17 އަހަރު ވަންދެން ބަލަހައްޓާފައެވެ.