ކުޅިވަރު

ރަން މެޑަލްއަކަށް އަމާޒްކޮށްގެން ބީޗް ވޮލީގައި ޖޫނިއަރ އުމުރުފުރާ ހިމަނައިފި


19 އަހަރުން ދަށާއި 23 އަހަރުން ދަށުގެބައި ހިމަނައިގެން ގައުމީ ބީޗް ވޮލީ މުބާރާތް އިޢުލާންކޮށްފިއެވެ. ގައުމީ ބީޗް ވޮލީ މުބާރާތް ކުރިން ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އޯޕަންބައި އަންހެން އަދި ފިރިހެންބައި ހިމަނައިގެންނެވެ. ނަމަވެސް މިފަހަރުގެ ގައުމީ ބީޗް ވޮލީ މުބާރާތް އޯޕަންބައިގެ އިތުރުން 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންބައި ވަނީ ހިމަނާފައެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެބައި މިފަހަރުގެ ގައުމީ ބީޗް ވޮލީގައި ހިމަނާފައިވަނީ ކުރިއަށް ހުރި ބައިނަލްއަގްވާމީ މުބާރާތްތަކަށް ވިސްނައިގެންކަމަށެވެ. އުއްމީދަކީ ކުރިއަށް އޮތް 4 އަހަރުފަހުން ބައިގަލަގްވާމީ މުބާރާތަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިނުންކަމަށެވެ. މިއަދު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެކުދިން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ފައިދާ މީގެ އަހަރުތަކެއް ފަހުން ފެންނާނެކަމަށް ގަބޫލް ކުރާކަމަށްވެސް ވީއޭއެމްގެ ރައީސް ރަނޭޝް ވިދާޅުވިއެވެ.

ގައުމީ ބީޗް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިމުބާރާތް ކުރިއަށްދާނީ މިއަންނަ މަހުގެ 7ވަނަ ދުވަހުން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށެވެ. އަލަށް އެކުލަވާލި ދެ ޑިވިޝަނާއެކު މިމުބާރާތް މިފަހަރު ކުރިއަށްދާނީ 3 ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ 19 އަހަރުން ދަށް، 23 އަހަރުން ދަށް އަދި އޯޕަން ޑިވިޝަނެވެ. ކޮންމެ ޑިވިޝަނެއް ވެސް ކުރިއަށްދާނީ އަންހެން އަދި ފިރިހެންބައި ހިމަނައިގެންނެވެ.

މިމުބަރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 26ވަނަ ދުވަހުއެވެ. ވީއޭއެމްއިން ނެރިފައިވާ ބަޔާންގައި ބުނެފައި ވަނީ މިމަހުގެ 26ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ޓީމް ލިސްޓްވެސް ހުށައެޅުމަށް އަންގާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެފޯމާއި ޓީމު ލިސްޓު އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށްވެސް ވީއޭއެމުން މަޢުލުމާތު ދެއެވެ.