އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗް ރޭގަނޑު ކުޅޭގޮތަށް ބަދަލުކޮށްފިއެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކަނި މުބާރާތް ބާއްވާއިރު، ކުރިން ތާވަލް ކޮށްފައިވާގޮތުން ނޭޕާލް އާއި ދިވެހިރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗް ކުޅެން ހަމަޖެހިފައި އޮތީ ހަވީރު 4 ޖަހާއިރެވެ. ތާވަލަށް ބަދަލް ނެގެސްފައިވުމުން، މިހާރު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝްއެވެ. ނޭޕާލް އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗް ރޭގަނޑަށް ބަދަލުކުރީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ހާއްސަ ކުރުމުގެ ގޮތުންނެވެ. އަދި އާންމުކޮށް މުބާރާތް ހުޅުވާ މެޗް ކުޅެނީ ރޭގަނޑުއެވެ.
މިމުބާރާތައް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. އަދި ނޭޕާލުން ވެސް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. މުބާރާތުގެ ތިންވަނަ މެޗްގައި އަންނަ މަހުގެ 4ވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި އިންޑިޔާއެވެ. އަދި ހަތަރުވަނަ މެޗްގައި އެރޭ ބައްދަލުކުރާނީ ސްރީލަންކާ އާއި ނޭޕާލްއެވެ. މިމުބާރާތަށް ތައްޔާރުވުމަށް ނޭޕާލް އާއި އިންޑިޔާއިން ވަނީ އެކުވެރިކަމުގެ 2 މެޗް ކުޅެފައެވެ. ފުރަތަމަ މެޗް އެއްވަރުވީއިރުގައި ދެވަނަ މެޗް ކާމިޔާބުކުރީ އިންޑިޔާއިންނެވެ. ރާއްޖެ ކުޅޭ ފުރަތަމެ މެޗްގައި ނޭޕާލާއި ވާދަކުރާއިރު، ރާއްޖެއިން މިހާތަނަށްވަނީ ނޭޕާލާއި ދެކޮޅަށް ހަތް މެޗް ކުޅެފައެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް ފަސް މެޗު ކާމިޔާބުކޮށްފައިވަނީ ރާއްޖެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ސާފެ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ 2008ވަނަ އަހަރުއެވެ. އަދި 2018ވަނަ އަހަރު ރާއްޖެއިން ވަނީ ދެވަނަ ފަހަރަށް މިމުބާރާތުގެ ތަށި ދިފާއުކޮށްފައެވެ. މިދެ ފަހަރުވެސް ރާއްޖެއިން ޗެންޕިއަންކަން ހޯދާފައިވަނީ އިންޑިޔާ ބަލިކޮށްގެންނެވެ. މިފަހަރު ރާއްޖެއިން މިމުބާރާތާއި ކުރިމަތިލަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައެވެ.
ސާފް ޗެންޕިއަންޝިޕްގެ އެހެން މުބާރާތްތަކާއި މިފަހަރުގެ މުބާރާތް ތަފާތުވާނެއެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ މުބާރާތުގައި ވާދަނުކުރެވެއެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރު ނުކުރަން ބޫޓާންގެ ސަރުކާރުން އެންގުމާއި ގުޅިގެން އެގައުމްގެ ފުޓްބޯޅަ ޓީމުން ވެސް ވަނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިނުވާން ނިންމާފައެވެ.