އޭއެފްސީ ކަޕްގައި ކުޅެފައިވާ ގިނަ ކުޅުންތެރިން ގައުމީ ޓީމުގައި ތިބުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ފައިދާއެއްކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޒުވާން ކޯޗު އަޙުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
ޝާކިރަކީ 2018ވަނަ އަހަރު ރާއްޖެއިން ސާޗް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރުގައި، އެޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ކޯޗެވެ. ޝާކިއްޓެ މިވަގުތު ގައުމީ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ގައުމީ ޓީމް ޓްރެއިނިންގް ކޭންޕަށް ފުރަން ކައިރިވެފައިވަނިކޮށް، ހެޑް ކޯޗް ޢަލީ ސުޒޭން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ޓީމާއެކު ދަތުރު ނުކުރެވުމާއި ގުޅިގެންނެވެ. ޝާކިއްޓެގެ އެހީތެރިކަން އެންމެ ބޮޑަށް މިހާރު ލިބެނީނީ ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ)އަށެވެ.
އަހުމަދު ޝާކިރުބުނީ މިވަގުތު ގައުމީ ޓީމަށް ބަލާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނިމިގެންދިޔަ އޭއެފްސީ ކަޕްގައި ކުޅެފައިވާ ކުޅުންތެރިން ޓީމުގައި ގިނަވުންކަމަށެވެ. އެގޮތުން މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި މާޒިޔާއިން ވަނީ 3 މެޗް ކުޅެފައެވެ. އަދި ކުލަބް އީގަލްސްއިން ވަނީ ގުރޫޕް ސްޓޭޖްގެ ކުރިން އޭއެފްސީ ކަޕްގެ ޕްލޭއޯފްގައި ކުޅެފައެވެ. މިދެ ޓީމްވެސް ދިޔައީ މިމެޗްތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. މާޒިޔާއިން ސައުދީގައި ކޭންޕްކޮށް މެޗްތަކެއް ކުޅެފައިވާއިރު، ކުލަބް އީގަލްސްއިން މާލޭގައި ރަގަނޅު ތަމްރީންތަކެއް ކުރިއަށްގެންދިޔައެވެ.
ޝާކިއްޓެ ބުނީ މާޒިޔާ އާއި ކުލަބް އީގަލްސްގެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް އެހެން ކުޅުންތެރިންނާއި އަޅާބަލާއިރު، ރަގަނޅުކަމަށާއި އަދި މަޑުމަޑުން ގައުމީ ޓީމްގައި ތިބި އެހެން ކުޅުންތެރިންގެ ފިޓްނަސް ވެސް ރަނގަޅުވަމުން އަންނަކަމަށެވެ. ނަމަވެސް މާޒިޔާ އާއި ކުލަބް އީގަލްސްގެ ކުޅުންތެރިން ގައުމީ ޓީމުގައި ތިބުމަކީ ޓީމަށް ލިބޭ އެޑްވާންޓޭޖެއްކަމެވެ. އަދި ޓްރެއިނިންގް ކޭންޕްގެ ތެރެއިން މެޗްތަކެއް ކުޅުމަކީވެސް ވަރަށް މުހިންމުކަމެއްކަން ޝާކިއްޓެ ފާހަގަކުރިއެވެ.
"އަސްލު ހަގީގަތުގައި ޓްރެއިން ކޮށްފައި މެޗެއް ކުޅުނީމަ މި އިނގެނީ ޓްރެއިނިންގައި މި ކުރާ ކަންތައްތައް މަސައްކަތް އެބަކުރޭތޯ. ހަގީގަތުގައި ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން އަޅުގަނޑުމެންނަށް ރަނގަޅު މެޗުތަކެއް ލިބުމަކީ ކޯޗަށް ވެސް ޓީމު ސެޓުކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ކުޅުންތެރިންނަށް އިތުބާރު ހޯދާށާ ކުދިން މިހާރު ތިބި ލެވަލްއާ އެއްޗެހި ބަލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ހަގީގަތުގައި ޕްރެކްޓިސް މެޗެއް ލިބުމަކީ މިއީ،" ޝާކިއްޓެ ބުންޏެވެ.
ޝާކިއްޓެ މިހާރު މަސައްކަތް ކުރަމުން އަންނަނީ އެފްްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓުގައެވެ. މިދިޔަ ސީޒަނުގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޓެކްނިކަލް އެނަލައިސިސް އަށް ހާއްސަކޮށް ފޮތެއް ވެސް ނެރުނުއިރު، އެ މަސައްކަތުގައި ވެސް ޝާކިއްޓެ ހިއްސާ ބޮޑެވެ.