އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކާ ކާމިޔާބު ސީރީޒް "ފެމިލީ މޭން 2" އަށްފަހު ރާޖް ނިދިމޯރާއި ކްރިޝްނާ ޑީކޭ މިހާރު ކުރިއަށްގެންދަނީ ޝާހިދު ކަޕޫރާއި ރާޝީ ކަންނާ ލީޑް ރޯލުން ފެނިގެންދާނެ އެމީހުންގެ ކުރިއަށް އޮތް ސީރީޒްގެ ޝޫޓިންގެ މަސައްކަތެވެ.
ސީރީޒް އަކަށްފަހު ސީރީޒެއް ގެނެސްދެމުންދާ ދެ ޑައިރެކްޓަރުން އަނެއްކާވެސް އިތުރު ސީރީޒަކަށް ދަނީ ތައްޔާރުވަމުންނެވެ. މިފަހަރުގެ ތަރިންނަކީ ފިލްމު "ގުޑް ނިއުޒް" ގެ ތަރި އަދި ލަވަކިޔުންތެރިޔާ ދިލްޖީތް ދޮސާންޖް އަދި ރާޖްކުމާރު ރާއޯ އެވެ. ނަމަވެސް މި ދެ ތަރިން އަދި މި ޕްރޮޖެކްޓަށް ސޮއި ކޮށްފައެއްނުވެއެވެ. އަދި ސީރީޒްގެ އެހެން ކާސްޓުންވެސް އަދި ފައިނަލެއް ނުކުރެއެވެ.
މި ސީރީޒްވެގެންދާނީ ރާޖްކުމާރާއި ރާޖް ނިދިމޯރް އަދި ކްރިޝްނާއާއިއެކު މަސައްކަތްކުރާ ދެވަނަ ސީރީޒް އަށެވެ. މީގެކުރިން ރާޖްކުމާރު ވަނީ ރާޖް އެންޑް ޑީކޭގެ "ސްޓްރީ"ގައި މަސައްކަތްކޮށްފައެވެ.
ރާޖް އެންޑް ޑީކޭ މިހާރު މަސައްކަތްކުރަމުންދާ ސީރީޒް ނިމުމުން މި ސީރީޒްގެ މަސައްކަތް އަންނަ އަހަރު ފެށުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.
ރާޖްކުމާރު ދެން އެންމެ އަވަހަށް ފެންނާނީ ބޫމީ ޕެދްނޭކަރް އާއިއެކު ލީޑްރޯލުން ފެންނަ ފިލްމު "ބަދާއީ ދޯ" އިންނެވެ. ފިލްމު "ގުޑް ނިއުޒް" އިން އެންމެ ފަހުން ފެނުނު ތަރި ދިލްޖީތް ދާދިފަހުން ވަނީ އޭނާގެ އަލްބަމް 'މޫންޗައިލްޑް އީރާ' ރިލީޒްކޮށްފައެވެ. ދިލްޖީތްގެ ކުރިއަށް އޮތް ފިލްމަކީ ޕަންޖާބު ފިލްމެއްކަމަށްވާ 'ހޯސްލާ ރަކް' އެވެ.