ކްރިކެޓް ކުރިއެރުވުމަށް އެންމެން ބަލައިގަންނަން ދުރުރާސްތާ ޕްލޭނެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކްރިކެޓް ބޯޑްގެ ރައީސް މުޙައްމަދު ފައިސަލް މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ކްރިކެޓް ބޯޑްގެ އާންމު ޖަލްސާގައެވެ. މިޖަލްސާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ 2030ވަނަ އަހަރަށް އަމާޒުކޮށްގެން ދުރުރާސްތާ ޕްލޭނެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި މިޕްލޭން ވާނީ ކޮންމެ ބަޔަކު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްކަމަށް އައިނަމަވެސް، އަމަލު ކުރާނެ ޕްލޭނެއްކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިޕްލޭން ހެދުމުގައި ހުރިހާ މެންބަރުންގެ އެއްބާރުލުން ބޭނުންވާނެކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ އެންމެ އެކުގައި މަސައްކަތްކޮށްފިނަމަ ކްރިކެޓް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެކަމަށެވެ. އަދި ކުލަބްތަކަށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހައިން ހިދުމަތްތައް ވެސް ލިބޭނެ ގޮތްތައް ހެދުމަކީ މިހާރުގެ ބޯޑުގެ އަމާޒްއެއްކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކްލަބްތަކަށް އިންސެންޓިވް ޕްރޮގްރާމެއްގެ ދަށުން މި އަހަރުގެ ކްރިކެޓް ބޯޑްގެ ބަޖެޓްގައި ކްލަބްތަކަށް ދިނުމަށް ފަންސާސް ނުވަހާސް ރުފިޔާ ފައިސާގެ އެހީއެއް ހިމަނާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކުލަބްތަކަށްދޭ ފައިސާގެ އެހީ ދެ ލައްކަ ރުފިޔާއަށް ހެދުމަށް މަސައްކަތް ކުރާނެކަމަށާއި ހުރިހާ ކްލަބްތައް ހިމެނޭ ގޮތަށް، އެޑް ހޮކް ކޮމިޓީއެއް ނަގާ މަސައްކަތްތަކެއް މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑްގެ ރައީސް ވިދާޅުވިއެވެ. އަދި ކްރިކެޓް ކުރިއެރުވުމަށް ކުލަބްތައް ބާރުވެރިކުރުވާ ކުލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރަށް ބޯޑުން އެހީތެރިންކަން ފޯރުކޮށްދިނުމަށް ވެސް އެހީތެރިވެދޭނެކަމަށް ފައިސަލް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ 4 މިލިއަނަށް ވުރެއް ގިނަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އަދި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓްގައި ހިމަނާފައިވަނީ 4 މިލިއަން 3 ލައްކައަށް ވުރެއް ގިނަ ރުފިޔާއެވެ. ކްރިކެޓް ބޯޑް އޮޑިޓް ކުރަން ފަސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ފުރުސަތު ދޭން ފާސްވީ ދެ ވަނަ އަށް އެންމެ ކުޑަ އަގު ހުށަހެޅި ކްރޯ މޯލްޑިވްސްއެވެ. މީގެ އިތުރުން މުސާރައިގެ އޮނިގަނޑެއް އެކުލަވާލައި ކްރިކެޓް ބޯޑުގެ ސްޓާފުންގެ ކޮންޓްރެކްޓް އާ ކުރުމާއި ވައިޑީޕީގެ އޮނިގަނޑެއް ތައްޔާރުކުރުން ހިމެނެއެވެ. އަދި ކްރިކެޓްގެ ގިނަ މައުލޫމާތުތައް އެއް ތަނަކުން ލިބޭ ގޮތަށް މައި ކްރިކެޓް އެޕް މިޖަލްސާގައި ލޯންޗް ކުރެވުނެވެ. މި ފަހަރު ވަނީ ތިން ކްލަބަކަށް ކްރިކެޓް ބޯޑްގެ މެމްބަޝިޕް ދީފައެވެ. އެއީ ކޮމެޓްސް ކްރިކެޓް ކްލަބް އާއި ފުވައްމުލަކު ކްރިކެޓް އެކަޑަމީ އަދި އައިޒީ ކްރިކެޓް އެކަޑަމީއެވެ. މި ތިން ކްލަބް ވެސް ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައެވެ.