މިސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފު ޗެންޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިމުބާރާތް މާލޭގައި ކުރިއަށްދާނީ މިއަންނަ މަހުގެ 1 އިން 16 އަށެވެ. މިއާއެކު މިފަހަރުގެ މުބާރާތް ކުރިއަށްދާނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ނަމުންނެވެ. މިސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ނަގާފައިވާއިރު، އުރީދޫއަކީ ގަތަރުގެ މަލްޓި ނޭޝަނަލް މުވާސަލާތީ ކުންފުންޏެކެވެ. މިއީ ރާއްޖެއަށް ނިސްބަތްވާ ކުންފުންޏަކުން ސާފް ޗެންޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރ ކުރި ފުރަތަމަ މުބާރާތެވެ.
ސާފް ޗެންޕިއަންޝިޕްގެ އެންމެ ފަހުން ބޭއްވި މުބާރާތް، 2018ވަނަ އަހަރު ސްޕޮންސަރކޮށްފައިވަނީ ޖަޕާންގެ ސުޒުކީ ކުންފުނިންނެވެ. އެގޮތުން ސާފް ގެ ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސުޒުކީ ކަޕްގެ ނަމުންނެވެ. އޭގެ ކުރިން ކޮކާ ކޯލާއިން ވެސް މިމުބާރާތް ސްޕޮންސަރ ކުރިއެވެ. މިއަދު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒުއެވެ. ސާފްގެ އިތުރުން އުރީދޫއިން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ލީގް ދިވެހި ޕްރިމިއަރ ލީގް މީގެ ކުރިން ސްޕޮންސަރ ކޮށްފައެވެ.
ސާފު ޗެންޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް އެފްއޭއެމާއެކު ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުންޏެއްކަމަށާއި އަދި ފުޓްބޯޅައިގެ ތަރައްގީއަށް ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްކަމަށެވެ.
"މިއަދު އަޅުގަނޑު ފުޓްބޯޅަ އާއިލާގެ ނަމުގައި ވަރަށް ބޮޑު ޝުކުރެއް އުރިދޫއަށް ބުނެލަން. އަޅުގަނޑުމެންގެ މިއުފާވެރި ކާނިވަލުގައި ބައިވެރިވެ، މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ މަގާމް އެކުންފުނިން ނެންގެވިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދު ކުރަނީ އުރީދޫއާއެކު ވަރަށް އުފާވެރި އަދި ވަރަށް ވާދަވެރި މުބާރާތެއް ކުރިއަށް ގެންދެވޭނެކަމަށް. އަދި މިމުބާރާތާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް އުފާވެރި އަދި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ހިންގާ، ގަލޮޅު ދަނޑުގައިވެސް ވަރަށް އުފާވެރި މުބާރާތެއްގެ ގޮތުގައި މުބާރާތް ނިމިގެންދާނެކަމަށް." ބައްސާމް ވިދާޅުވިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒު ވިދާޅުވީ މިއީ އުރީދޫގެ އިތުރުން މިއީ ދިވެހި ގައުމަށްވެސް ލިބިގެންދިޔަ ވަރަށް އުފާވެރި ދުވަހެއްކަމެވެ. އަދި އުރީދޫއަކީ އަބަދުވެސް ކުޅިވަރަށް ވަރަށް ޝައުގުވެރިކަން އޮންނަ ގުރޫޕެއްކަމަށާއި ހާއްސަކޮށް ފުޓްބޯޅައަށް އުރީދޫ ގުރޫޕުން ކުރާ ޚަރަދު ވަރަށް ބޮޑުކަމަށެވެ. ފްރާންސްގެ ޕީއެސްޖީއަކީ އުރީދޫ ގުރޫޕްގެ ޕާޓްނަރެކެވެ. އަދި އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އެފްއޭއެމްއާއެކު އުރީދޫއިން މަސައްކަތް ކުރަމުންދަނީ ގައުމީކަމެއްގެ ގޮތުގައި ދެކިގެންކަމަށް އުރީދޫގފެ ސީއީއޯ ނިޔާޒު ވިދާޅުވިއެވެ.
"އުރީދޫއިން މިކަން ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން. އަދި ހާއްސަކޮށް ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތް މިދަނޑިވަޅުގައި މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑުމެން ދިވެހިންނަށްވެސް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެކަމެއް. އަޅުގަނޑުވެސް އުއްމީދު ކުރަނީ މުޅި ދަނޑު ފުރާލާ، ކުރިން އޮންނަ ފުޓްބޯޅަ ފޯރި މިފަހަރުވެސް ފެނިގެންދާނެކަމަށް." ނިޔާޒު ވިދާޅުވިއެވެ.
މިފަހަރުގެ ސާފް ޗެންޕިއަންޝިޕަކީ ގިނަ ގޮތް ގޮތުން ތަފާތު މުބާރާތެކެވެ. ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި މުބާރާތް ކުރިއަށްދާއިރު، އެހެން އަހަރުތަކާއި ހިލާފަށް މިމުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. 5 ގައުމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. ސާފް ޗެންޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1997ވަނަ އަހަރުއެވެ. މިމުބާރާތް މިހާތަނަށް 12 ފަހަރު ބާއްވާފައިވާއިރު، ރާއްޖެއިންވަނީ 2 ފަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގައި ވާދަކުރަން ފެށި ފަހުން، އެންމެ މަދުވެގެން ރާއްޖެއިން ކޮންމެ ފަހަރަކުވެސް ސެމީ ފައިނަލާއި ހިސާބަށް ދަތުރުކޮށްފައިވެއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.