ދުނިޔެ

ކޮޕް 21 ސަމިޓުގެ ޕްލެނަރީ ސެޝަންތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ


ޕެރިހުގައި ކުރިޔަށްދާ ދުނިޔޭގެ
މޫސުމާބެހޭ މަހާސިންތާގެ ބައިވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފްތައް
ނައްތާލައި އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް އެ
މަހާސިންތާގެ ޗެއާޕާސަން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮޣޯން ފެބިއޮސް ވިދާޅުވެއްޖެއެވެ.




ފެބިއޮސް ވިދާޅުވީ މޫސުމާބެހޭ
މަހާސިންތާގެ ބައިވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފްތައް ވަރަށް ބޮޑުކަމަށާ
ނަމަވެސް އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން އެއްބަސްވުމަކާ ހަމައަށްދިޔުމަށް
ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. މީގެ ދެހަފްތާ ކުރިން ފެށިގެން
ކުރިޔަށްދާ މި މަހާސިންތާއިން ދުނިޔޭގެ މޫސުމާބެހޭ މައްސަލަތަކަށް ހައްލު
ގެނެވޭވަރުގެ ތާރީޚީ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު
ބޮޑުކުރައްވައި ޗެއަރޕާސަން ވާހަކަ ދައްކަވާފައިމިވަނީ އެމަހާސިންތާ ނިންމާލުމުގެ
ވަގުތު 24 ގަޑީއިރަށްވުރެވެސް ކުޑަވެފައި ވަނިކޮށެވެ. މޫސުމާބެހޭ އެހެން
މަހާސިންތާތަކެކޭވެސް އެއްގޮތަށް ޕެރިހުގެ މަހާސިންތާގައިވެސް ދެބަސްވުންތައް
ބޮޑުވެފައިވަނީ ކުރިއަރަމުންދާ ދެކުނުގެ ގައުމުތަކާއި ކުރިއަރާފައިވާ އުތުރުގެ
ގައުމުތަކާ ދެމެދުއެވެ. 

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ
ސަބަބުކަމަށްވާ ކާބަން ގޭސްތައް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ އުތުރުގެ
ގައުމުތަކުން މިކަމުގެ ބަދަލެއްގެ ގޮތުގައި އެތަށް ހާސް ބިލިޔަން ޑޮލަރެއް
ހޯދުމަށް ދެކުނުގެ ގައުމުތަކުން އެދެމުންދެއެވެ. މިއާއެކު އުތުރުގެ ގައުމުތައް
ދެކުނުގެ ގައުމުތަކުގެ ކިބައިން އެދެމުން ގެންދަނީ ދެކުނުގެ ގައުމުތަކުގެ
ތަރައްގީގެ މަޝްރޫޢުތައް ގުރުބާން ކޮށްގެންނަމަވެސް ކާބަން ގޭސްތައް ޖައްވަށް
ބޭރުކުރުން ހުއްޓާލުމަށް ނޫނީ ވަރަށްބޮޑަށް މަދުކޮށްލުމަށެވެ. މީގެރައްދުގައި
ދެކުނުގެ ގައުމުތައް ބުނަމުން ގެންދަނީ ކާބަންގޭސްތައް ޖައްވަށް ބޭރުކުރުން
ހުއްޓާލެވޭނީ ނުވަތަ މަދުކުރެވޭނީ ބަދަލެއްގެގޮތުގައި އެތަށް ހާސް ބިލިޔަން
ޑޮލަރެއް އެގައުމުތަކަށް ދިނުމަށް އުތުރުގެ ގައުމުތަކުން ވައުދުވުމުން ކަމަށެވެ. 

މިމައްސަލަތަކާ ގުޅިގެން ދުނިޔެ ޙިމާޔަތް ކުރެވޭފަދަ ތާރީޚީ އެއްބަސްވުމެއް
ޕެރިހުގެ މަހާސިންތާއިން ނެރެވިދާނެ ކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
މިމާޔޫސްކަމާއެކު ޕެރިހުގެ މަހާސިންތާގެ ކުރިމަގު ނޭންގުމެއްގެ ތެރޭގައިވަނިކޮށް
އެމަހާސިންތާގެ ޗެއާޕާސަން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮޣޯން ފެބިއޮސް ބުރާސްފަތި
ދުވަހު ވިދާޅުވީ ދެބަސްވުންތަކާއެކުވެސް މަހާސިންތާގެ ބައިވެރިންގެ ރޫހާއި
އަޒުމަކީ އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އަދި ދުނިޔެ ޙިމާޔަތް ކުރެވޭވަރުގެ ތާރީޚީ އެއްބަސްވުމަކާ ހަމައަށްދެވޭނެ ކަމުގެ
އުންމީދު މިހާރު ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިންޑިޔާގެ
ތިމާވެއްޓާބެހޭ ވަޒީރު ޕްރަކާޝް ޖެވަޑިކާ ވިދާޅުވީ ދުނިޔޭގެ ތިމާވެއްޓަށާއި
މޫސުމަށް އެންމެ ބޮޑުގެއްލުންތައް ދީފައިވަނީ އުތުރުގެ ގައުމުތަކުން ކަމަށާ
އެހެންކަމުން އެކަމުގެ ތާރީޚީ ޒިންމާ އެގައުމުތަކުން އުފުލަންޖެހޭނެ ކަމަށެވެ.
އަދި މިޒިންމާ އުފުލުމަށް އުތުރުގެ ގައުމުތަކުން ފަސްޖެހޭނަމަ ފުރިހަމަ
އެއްބަސްވުމަކާ ހަމައަށް ދިޔުމަކީ ދަތިކަމެއް ކަމަށްވެސް ޕްރަކާޝް ވިދާޅުވިއެވެ.
ޕެރިހުގެ މަހާސިންތާގައި ދުނިޔޭގެ މުއްސަނދި އުތުރުގެ ގައުމުތަކުން އަދިވެސް
މަސައްކަތްކުރަމުން ގެންދަނީ އެގައުމުތަކުގެ ސިނާޢީ ކުރިއެރުންތަކުގެ ސަބަބުން
ދުނިޔޭގެ މޫސުމަށް ލިބިފައިވާ ގެއްލުންތަކުގެ ތާރީޚީ ޒިންމާއިން ރެކިގަތުމަށެވެ. 

މިފަދަ ޙާލަތެއްގައި ދުނިޔޭގެ މޫސުމާއި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ދެކުނުގެ
ފަގީރު ގައުމުތަކަށް އެގައުމުތަކުގެ ތަރައްގީގެ މަޝްރޫޢުތައް ގުރްބާން
ކޮށްނުލެވޭނެ ކަމަށް ދެކުނުގެ ގައުމުތަކުން ބުނަމުން ގެންދެއެވެ. ހުކުރުދުވަހުގެ
ރޭ ނިންމާލުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ ބައިވެރިން މިހާރުވަނީ ގުޅިފައިވާ
ބަޔާނެއްގެ ދެލިކޮޕީ ޑްރާފްޓް ކޮށްފާ. ނަމަވެސް މިއީ ދުނިޔޭގެ މޫސުމާއި ތިމާވެށި
ހިމާޔަތް ކުރުމަށް އެންމެ އެކަށޭނަ ބަޔާނެއްނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.