ޑާކްރެއިން އެންޓަޓެއިންމަންޓްގެ ވެބް ސީރީޒް " ގިރިޓީ ލޯބި " މި އަހަރު ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވާން ފަށައިފިއެވެ. ޑާކްރެއިންގެ މި ސީރީޒްވެސް ސްޓްރީމްކުރާނީ ބައިސްކޯފުންނެވެ.
20 އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި މުހައްމަދު ވިޝާލް ( ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) އާއި މުހައްމަދު ފައިސަލް، މުހައްމަދު މަނިކްގެ އިތުރުން އަހްމަދު ސައީދުވެސް ހިމެނެއެވެ. މީގެއިތުރުން މުޅިން އައު މޫނުތަކެއްވެސް މި ސީރީޒުން ފެންނާނެކަމަށް ޑާކްރެއިނުން ބުނެއެވެ.
އަހްމަދު ޒަރީރުގެ ސްކްރީން ޕްލޭއެއްގެ މައްޗަށް އުފައްދާ މި ސީރީޒްގެ ޑައިރެކްޓްކުރަނީ ކާމިޔާބު ޑައިރެކްޓަރ އަލީ ޝީފާއު (ޗިއްޕެ) އެވެ. މި ސީރީޒް ޕްރޮޑިއުސަރުންނަކީ މި ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސް، ގިނަ އައު މޫނުތަކެއް ތައާރަފްކޮށް، ކާމިޔާބު އެތައް ފިލްމުތަކެއް ދޫކޮށްލާފައިވާ މުހައްމަދު އަލީ ( މޮގާ) އާއި ޢާއިޝަތު ފުއާދު ތައުފީގެވެ.
ޑާކްރެއިންގެ ކުރިޔަށް އޮތީ އެ ޕްރޮޑަކްޝަން ހައުސްގެ 13 ވަނަ ފީޗަރ ފިލްމު "ނޮވެމްބަރ" އެވެ. ކުރިން 2020 ވަނަ އަހަރު ރިލީޒްކުރަން ނިންމި މި ފިލްމު ކޯވިޑާއި ގުޅިގެން އަދި ސްކްރީނާއި ހަމައަށް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް ފިލްމުގެ ހިތްގައިމު ޓީޒާ ކޮޅެއް ވަނީ ފޭނުންނަށް މިހާރު ދޫކޮށްލާފައެވެ.