ކުޅިވަރު

ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕަރަލްސް ހަމަޖައްސައިފި


މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރަލްސް ހަމަޖައްސައިފިއެވެ. އެންމެ ފަހުން ގައުމީ ޓީމުގެ ކިޓް ސްޕޮންސަރކޮށްފައިވަނީ ސްޕެއިންގެ ކެލްމީ އިންނެވެ. މިއީ ގައުމީ ޓީމުގެ އޮފިޝަލް ކިޓް ސްޕޮންސަރަކަށް ރާއްޖޭގެ ކުންފުންޏެއް ހަމަޖެއްސި ފުރަތަމަ ފަހަރުއެވެ.

އެފްއޭއެމުން ބުނީ މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހުރިހާކަމެއްވެސް ކުރަން ބޭނުންވަނީ ހުސް ދިވެހިންލައިގެންކަމަށާއި އެހެންކަމުން ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރަލްސް ހަމަޖެއްސީ ވެސް ދިވެހިންނަށް މިފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރަލްސް ހަމަޖެއްސުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަދި އައިލެންޑް އެޕަރަލްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު ޢަލީ މުޝްހަދުއެވެ. މިއާއެކު އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ގައުމީ ޓީމް މިފަހަރު ލާނީ އައިލެންޑް އެޕެރަލްސް ހަދާފައިވާ ޖޯޒީއެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ކުރިން ހަމަޖައްސާފައިވާ ސްޕެއިންގެ ކެލްމީއާއެކު މިފަހަރު ކުރިއަށް ނުގެންދަން ނިންމީ، އެކުންފުންނާއެކު ކުރިއަށް ދިއުމުގައި މިފަހަރު ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ. ކޯވިޑް-19އާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ އުދަގޫތަކެއް ހުރުމުގެ ސަބަބުން ކެލްމީގެ ޖޯޒީތައް ގަނައުމުގައިވެސް އުދަގޫތަކެއް ހުރިކަމަށް ޖަވާޒް ބުންޏެވެ.

އައިލެންޑް އެޕަރަލްސް އިން ބުނީ މުބާރާތުގައި ގައުމީ ޓީމު ބޭނުންކުރާ ޖޯޒީ އަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖޯޒީއަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބާ ކުރުމަށް އައިލެންޑް އެޕެރަލްސްއިން ވަނީ އެދިފައެވެ. އަދި މިއާއެކު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޭނުންކުރާ ޖޯޒީ ދައްކާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގައި، 25ވަނަ ދުވަހު ޕްރީއޯޑާ ކުރާފަރާތްތަކަށް ޖޯޒީ ދޫކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އައިލެންޑް އެޕަރަލްސް އިން ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕް ފޯރިގަދަ ކުރުމަށް އެފްއޭއެމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.