ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. 
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލުން ނިމޭނީ ހަވީރު 5 ޖަހާއިރުއެވެ. 
އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ވޯޓުލުން ފެށިގެން ކުރިއަށްދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއި އެކުގައިކަމަށެވެ. އަދި މިހާތަނަށް މާބޮޑު ޝަކުވާތަކެއް ހުށަހެޅިފައި ނުވާކަމަށެވެ. ނަމަވެސް ކުދިކުދި އިދާރީ މައްސަލަތަކެއް ހުރެގެން ކުރެވޭ ޝަކުވާތަކަށް ހައްލު ގެނެސް އެކަންކަން ހައްލު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 
މިއިންތިޚާބުގައި 3 ރަށެއްފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ، އެރަށެއްގެ ސްކޫލުގައެވެ. މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނީ 15 ސްކޫލެއްގެ އިތުރުން ސޯޝަލް ސެންޓަރުގައެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެއް އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. 
މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.