ކުޅިވަރު

ޔޫއެސް އޯޕަން އެމާއަށް ހޯދައިދިން ކޯޗް ބަދަލް ކުރަނީ


އެންމެ ފަހުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ އޭނާގެ ކޯޗު ބަދަލުކުރަން ނިންމައިފިއެވެ. އެމާ ވެފައިވަނީ ސާޅީސް ހަތަރު އަހަރަށް ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ތަށި އުފުލާލި އިނގިރޭސި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ. ޔޫއެސް އޯޕަންއަށް އެމާ ތައްޔާރުވަމުންދިޔައިރު، އެންޑްރޫ ރިޗާޑްސަން ކޯޗަކަށް ހަމަޖައްސައި، ކޯޗުގެ އިރުޝާދުގެ ދަށުން އެމާ ވަނީ ކޮލިފައިންގެ މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ މެޗްތަށްވެސް ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދާފައެވެ.

އެމާ ބުނީ ކޯޗު ބަދަލުކުރަން ނިންމީ ކޯޗުގެ އެއްވެސް މަސައްލައެއް އޮވޮގެން ނޫންކަމަށާއި މިހާ ހިސާބުން ކޯޗު ބަދަލް ކުރަން ނިންމީ ކުރިޔަށް އޮތް ބޮޑު ޗެލެންޖަށް ވިސްނާފައިކަމަށެވެ. އެމާ ބުނީ މިހާރު ބޭނުންވަނީ ގްރޭންޑް ސްލޭމް މުބާރާތްތަކާއި ޑަބްލިއުޓީއޭގެ ތަޖުރިބާހުރި ކޯޗެއްގެ ބެލުމުގެ ދަށުން ތަމްރީން ވާންކަމަށެވެ. އަދި ކުރިޔަށް އޮތް ބޮޑު ޗެލެންޖަށް ފަސޭހައިން ކުރިމަތިލެވޭނީ ވެސް ބޮޑެތި މުބާރާތްތަކުގެ އެކްސްޕީރިއަންސް ހުރި ކޯޗެއް ގެނެސްގެންކަމަށް އެމާ ބުންޏެވެ. އެމާ ބުނީ މިހާރުގެ ކޯޗު ދޫކޮށްލަން އެހާ ފަސޭހަ ނޫންކަމަށާއި ނަމަވެސް ކުރިއަށް ދާން ބޭނުންނަމަ، ބައެއްކަހަލަ އުނދަގޫ ނިންމުންތައް ވެސް ނިންމަން ޖެހޭކަމަށެވެ.

ޔޫއެސް އޯޕަން މުބާރާތާއި އެމާ ކުރިމަތިލީއިރު އެމާ އޮތީ ދުނިޔޭގެ ރޭންކިންގެ 150 ވަނައިގައެވެ. ޔޫއެސް އޯޕަންގެ ކާމިޔާބީ އަށް ފަހު އެމާ ވަނީ ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިކާމިޔާބީއަށްފަހު އެމާ ވަނީ ދުނިޔޭގެ ރޭންކިންގެ 22ވަނައަށް ކުރިއަށް ޖެހިލާފައެވެ.

ކުރިއަށް އޮތް އިންޑިއަން ވެލްސް މުބާރާތުގައި ވާދަކުރުމާމެދު ވަރަށް އަވަހަށް އެމާ ގޮތެއް ނިންމާނެއެވެ. އެމާ ވަނީ މޮސްކޯގައި ކުރިއަށްދާ ކްރެމްލިން ކަޕްގައި ކުޅެންވެސް ނިންމައިފައެވެ. އެމާގެ އަމާޒަކީ ނޮވެމްބަރު މަހު އޮންނަ ޑަބްލިއުޓީއޭ ފައިނަލްސްގައި ކުޅުމެވެ. ޔޫއެސް އޯޕަން އަކީ އުމުރުން 18 އަހަރުގެ އެމާގެ ދެ ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. އެމާ، ޔޫއެސް އޯޕަންގެ ތަށި އުފުލާލުމާ އެކު އޭނާ ވެފައިވަނީ 44 އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި އިނގިރޭސި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ.