ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް ގަތަރުގެ ކްލަބް އަލް ރައްޔާނަށް ބަދަލްވެއްޖެއެވެ. ރިއަލް މެޑްރިޑް ދޫކޮށް މިދިޔަ ސީޒަންގައި ހަމޭސް އެވަޓަންއަށް ބަދަލްވި ނަމަވެސް އެކުލަބްއާއެކު މިސީޒަންގައި މިހާތަނަށް ހަމޭސް އެއްވެސް މެޗްއެއް ކުޅެފައެއް ނުވެއެވެ. އުމުރުން 30 އަހަރުން ހަމޭސް އެވަޓަންއަށް ބަދަލްވީ 13.6 މިލިއަން ޑޮލަރަށެވެ. ނަމަވެސް މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ހަމޭސް ރޮޑްރިގޭޒް ގަތަރުގެ ކްލަބް އަލް ރައްޔާނަށް ބަދަލްވެފައި ވަނީ ވަރަށް ކުޑަ މުސާރައަކަށެވެ. ގަތަރުގެ ކުލަބާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ހަމޭސް އެކުލަބަށް ބަދަލުވީ 8.5 މިލިއަން ޑޮލަރަށެވެ. އަލް ރައްޔާން ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރުމަށް ފަހު ހަމޭސް ބުނީ އޭނާ އަކީ އަބަދުވެސް މޮޅުވާން މަސައްކަތްކުރި ކުޅުންތެރިއެއް ކަމަށާއި އެކަން ގަތަރުގައި ވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ. އަދި އަމިއްލަ ލެވެލްގައި ނުކުޅެވޭތާ ވަރަށް ގިނަ ދުވަސްވެފައިވާކަމަށާއި އަލުން ކުރިން ކުޅުނު ފޯމްގައި ކުޅެން ބޭނުންވާކަމަށެވެ. އަދި ރަނގަޅު ޓްރެއިނިންއަކާއެކު، ރަނގަޅަށް ފިޓްވާން ވެސް ބޭނުންވާކަމަށް ހަމޭސް ބުންޏެވެ.
ހަމޭސް އިގެރޭސި ކުލަބް އެވެޓަން ދޫކޮށްލަން ނިންމީ މިސީޒަންގައި އެޓީމާއި ހަވާލުވި ކޯޗް ރަފައެލް ބެނިޓޭޒްގެ ޓީމުން ޖާގަ ނެތުމާއި ގުޅިގެންނެވެ. ހަމޭސް ހޯދުމަށް ދެތިން ކުލަބަކުން އެވަޓަންއަށް ހުށައެޅި ނަމަވެސް، އެވަޓަންއިން މީގެއިން އެއްވެސް ކުލަބެއްގެ ހުށައެޅުމަކަށް އިޖާބަ ދީފައެއް ނުވެއެވެ. ހަމޭސް ގަތަރުގެ އަލް ރައްޔާނަށް ބަދަލްވީއިރު، މިވަގުތު އެޓީމްގެ ކޯޗްއަކަށް ހުރީ ފްރާންސްގެ ކުރީގެ ޑިފެންޑަރު އަދި ޕީއެސްޖީގެ ކުރީގެ ކޯޗު ލޯރެންޓް ބްލޮންކްއެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖަހައިގެން ވިދާލި ހަމޭސް، އަށް އެންމެ ފަހުން ކޮޕަ އެމެރިކާގައި ކުޅުނު ކޮލަމްބިއާ ޓީމުން ފުރުސަތެއް ނުލިބުނެވެ. ހަމޭސް ގަތަރުގެ ކްލަބަކަށް ބަދަލުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮލަމްބިއާ ގައުމީ ޓީމުގެ ޖާގަ ކަށަވަރުކުރުމާއި އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވާން ގަތަރުގެ މާހައުލަށް ހޭނުމެވެ. އޭނާ ވަނީ ގަތަރު ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ކަމަށް އަލް ރައްޔާންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފައެވެ.