ކުޅިވަރު

އުރީދޫ ސާފް ޗެންޕިއަންޝިޕުގެ ޓިކެޓް މާދަމާ ހެނދުނު ވިއްކަނީ


އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓީކެޓް މާދަމާ ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް މާދާމާ ވިއްކުމަށް ހަމަޖެހިގައިވާއިރު، މިއީ މުޅި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުއެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދިއިރު، އެފަހަރުގެ މުބާރާތް ބާއްވާފައިވަނީ ސްރީލަންކާއާއި ގުޅިގެންނެވެ.

މާދާމާ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުރުކު ދުވަހު ކުޅޭ މެޗްގެ ޓިކެޓްތަކެވެ. މިއަންނަ ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެއެވެ. މާދަމާ ހެދުނު 10:00 ޖަހާއިރު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓު ކައުންޓަރުންނެވެ. އެފްއޭއެމުން ބުނީ ކޮންމެ މެޗް ޑޭއެއްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މެޗް އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހެވެ. ތިން ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުއެވެ. އިންޑިއާ އާއި ރާއްޖެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗު ޓިކެޓު ވިއްކާނީ އޮކްޓޯބަރު 11 އަދި 12 ވަނަ ދުވަހެވެ.

އެފްއޭއެމްއިން ބުނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިއާއެކު ޓިކެޓް ގަންނަން އަންނަ ފަރާތްތަކުން ކޯވިޑް-19ގެ ދެ ޑޯޒް ޖަހާފައިވާ ވެކްސިން ކާޑު ގެނައުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ގަދިއެއްގައި ވެސް މާސްކް އަޅަންޖެހޭނެކަމަށް އެފްއޭއެމުން ބުންޏެވެ. ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75.ރ އެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ކުރިއަށްދާނީ 5 ޓީމާއެކު ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.