އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް މާލޭގައި ކުރިއށް ގެންދިއުމަށް ގިނަ ބައެއްގެ އެހީތެރިކަން އެފްއޭއެމްއަށް ލިބެއެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.
މީގެ އިތުރުންވެސް ސާފް ޗެމްޕިއަންޝިޕްގެ ސްޕޮންސަރުންގެ ގޮތުގައި ދެން ސޮއިކޮށްފައި ވަނީ ކޮކާކޯލާ، އެލައިޑް އިންޝިއުރެންސް އަދި އެމްޑަބްލިއުއެސްސީއެވެ. ސާކް ސަރައްހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. މީގެ ކުރިންވެސް އުރީދޫއިން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން އެކުންފުނިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެންމެ ބޮޑު ލީގް ދިވެހި ޕްރިމިއަރ ލީގް ސްޕޮންސަރކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ބޯލްބޯއީންގެ ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހި ކުންފުނި ކެޕްޓަން މޯލްޑިވްސްއެވެ. ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކީ ދިވެހި ކުންފުންޏެއް ކަމަށްވާ އައިލެންޑް އެޕަރަލްސްއެވެ. މިއީ ގައުމީ ޓީމަށް ދިވެހި ކުންފުންޏަކުން ކިޓް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ބޭނުންކުރާ ޖޯޒީ ޕްރީއޯޑާ ކުރަން ވަނީ ހުޅުވާލައިފައެވެ. ޖޯޒީ ދައްކާލާނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގައެވެ. އެފްއޭއެމުން މިފަހަރުވަނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހުރިހާކަމެއް ކުރުމަށް ދިވެހިން ހަމަޖައްސާފައެވެ.
ގައުމީ ކޯޗިން ސްޓާފުންނަށް ވެސް މިފަހަރު ހަމަޖައްސާފައިވަނީ ހުސް ދިވެހި ކޯޗުންނެވެ. މިއީ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ދިވެހި ކޯޗެއް ހުރެގެން ސާފް ޗެންޕިއަންޝިޕުގައި ވާދަކުރާ ފުރަތަމަ ފަހަރުއެވެ.