ކުޅިވަރު

އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހޯސްޓް ބްރޯޑްކާސްޓަރަކަށް ޕީއެސްއެމް


އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހޯސްޓް ބްރޯޑްކާސްޓަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ. މިމުބާރާތުގެ މެޗްތައް ލައިވްކޮށް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސާފައިވާއިރު، ޕީއެސްއެމުން މިހާރު ވެސް ގެންދަނީ މިމުބާރާތުގެ ފޯރި ގަދަކުރުމަށް ގަދަ ރަތް ނަމުގައި ޚާއްސަ ޝޯތަކެއް ގެނެސް ދެމުންނެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދެވެ. މިއާއެކު މިމުބާރާތުގެ ހުރިހާ މެޗެއްގެ ޕީއެސްއެމްއިން ވަގުގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ދެވަނަ މެޗްގައި އެރޭ ވާދަކުރާނީ ނޭޕާލާއި ދިވެހިރާއްޖެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ހުރިހާކަމެއްވެސް ކުރިއަށްގެންދަން ބޭނުންވަނީ ދިވެހިން ބޭނުންކޮށްގެންކަމަށާއި މިމުބާރާތުގެ ހުރިހާކަމެއްވެސް މިހާތަނަށްކޮށްފައިވަނީ ހުސް ދިވެހިންކަމަށެވެ. އަދި މިސަރައްހަދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ހަމައެކަނި ރާއްޖޭގައި ބާއްވާއިރު، މުބާރާތް އިންތިޒާމް ކުރުމާއި މުބާރާތް ލައިވް ކުރުމުގެ އިތުރުން މުބާރާތުގެ އެހެނިހެން ހުރިހާކަމެއްގައިވެސް ދިވެހިން ބޭނުން ކޮށްގެން ދާކަމީ ހުރިހާ ދިވެހިންވެސް ފަހުރުވެރިވާން ޖެހޭކަމެއްކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ދިވެހިންގެ ކުންފުންޏެއްކަމަށްވާ ޕީއެސްއެމުން މިފަދަ ބޮޑު މުބާރާތެއް ލައިނވްކޮށް ދުރަށް ދެއްކުމަކީވެސް ވަރަށް ބޮޑު ޒިންމާއެއްކަމަށާއި މީގެ ކުރިންވެސް ޕީއެސްއެމުން މިފަދަ ބޮޑެތި މުބާރާތްތައް ލައިވްކޮށްފައިވާތީ، މިފަހަރުވެސް ޕީއެސްއެމާއެކު ވަރަށް ކާމިޔާބު މުބާރާތެއް ކުރިއަށް ގެންދެވޭކަމަށް ގަބޫލް ކުރާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު މީޑިޔާ ކުންފުނި އަދި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް މެޗްތަށް ލައިވްކޮށް ދެވޭނެ ހަމައެކަނި ފަރާތަކީ ޕީއެސްއެމް. އެހެންކަމުން ޕީއެސްއެމްގެ ޓީމުން ކުރަމުންދާ މަސައްކަތަށް އަޅުގަނޑު ޕީއެސްއެމްގެ ޓީމަށް ޝުކުރު އަދާކުރަން. އަދި ފުޓްބޯޅަ އައިލާގެ ނަމުގައިވެސް
ޕީއެސްމަށް ޝުކުރު އަދާކުރަން." ބައްސާމް ވިދާޅުވިއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު ވިދާޅުވީ އެފްއޭމް މެދުވެރިކޮށް އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހޯޓްސް ބްރޯޓްކާސްޓަރަކަށް ޕީއެސްއެމް ހަމަޖެއްސީތީ އެކަން ވަރަށް އުފަލާއެކު ބަލައިގަންނަކަމަށެވެ. މިދުވަސްވަރަކީ ޤައުމަށް އުނދަގޫ ދަތި ދުވަސްތަކެއް ކަމަށާއި، މިވަގުތަކީ ޕީއެސްއެމްއަށް ވެސް ދަތި ދުވަސްތަކެއް އެމްޑީ ވިދާޅުވި. މިފަދަ ހާލަތެއްގައި ޤައުމު އޮތް ދަނޑިވަޅެއްގައި މި ފަދަ ފުރުޞަތެއް ލިބުނީމަ އެންމެ ބޮޑު އިސްކަމެއް ޕީއެސްއެމުން ދޭނީ ޤައުމު އެއްބައިވަންތަކުރުމަށް ކަމަށާއި އެގޮތުން މި މުބާރާތަކީ ޤައުމު އެއްބައިކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތަކަށް މި މުބާރާތް ވާތީ ޤައުމު އެއްބައިވަންތަކޮށް އެކަތި ގަނޑަކަށް ހެދުމަށް ޕީއެސްއެމްގެ ޓީމް މަސައްކަތް ކުރާނެކަމަށް އެމްޑީ ޢަލީ ޚާލިދު ވިދާޅުވިއެވެ.

"މިވަގުތު މަސައްކަތް ކުރަން ބޭނުންވީ ޤައުމު އެއްބައިވަންތަކޮށް އެއްރޫޙެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ރޫޙު ކުރުމުގެ ފުރުޞަތު މި މުބާރާތް މެދުވެރިކޯށް ގެނެދް ދެވިދާނެކަމަށް ޤަބޫލުކުރެވޭތީ އެކަން ކުރުމަށް. އަޅުގަނޑުމެންގެ ޓީމުގައި މުބާރާތް ހޯސްޓް ބްރޯޑްކާސްޓު ކުރުމުގެ ޤާބިލްކަން އެބަހުރި. އެހެންކަމުން އަޅުގަނޑުމެންގެ ޓީމުންވެސް ހަމަ ވަރަށް އެއްރޫޙެއްގައި މިމަސައްކަތް ކުރަނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހޯސްޓް ބްރޯޑްކާސްޓިން މަސައްކަތް ކުރުމަށް"އެމްޑީ ވިދާޅުވިއެވެ

ޕީއެސްއެމްއިން ބުނީ މިމުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ހުރިހާ މެޗްތަކެއްވެސް ދެއްކުމުގެ ފުރުސަތު އެހެން ޓީވީ ޗެނަލްތަކަށްވެސް ހުޅުވާލާފައެވެ. އެގޮތުން ޕީއެސްއެމްގެ ރައިޓްސް ހޯދައިގެން މެޗުތައް ދެއްކުމުގެ ފުރުޞަތު އެހެން ޗެނަލްތަކަށްވެސް ކުރެވޭނެއެވެ. އަދި މިމުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުން ވެސް މުބާރާތުގެ މެޗްތަކުގެ ފީޑް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޕީއެސްއެމްއިން މަޢުލުމާތު ދީފައިވެއެވެ. މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޗެސްޓީވީއާއި ދިވެހިރާއްޖޭގެ އަޑު ވަގުތުން ދައްކާ ދުރަށް ފޮނުވަމުންގެދާނެއެވެ.