2015 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު "ޕީކޫ" އާއި 2012 ވަނަ އަހަރު ދެއްކި "ވިކީ ޑޯނަރ" ގެވެސް ޑައިރެކްޓަރ ޝޫޖިތް ސިރްކާ ޑައިރެކްޓްކުރާ ފިލްމު "ސަރުދާރު އުދަމް" ރިލީޒްކުރުން އަންނަ މަހު 16 އަށް ތާވަލުކޮށްފިއެވެ.
އެމެޒޯން ޕްރައިމް ވީޑިއޯއިން ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ މިހާރު ބޮލީވުޑްގެ އެންމެ މަޤުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝާލްއެވެ.
ރޯނީ ލަހިރީ އަދި ޝީލް ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓްރެއިލަރވެސް މިހާރުވަނީ ދައްކާލާފައެވެ. ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިމިވަނީ އިންޑިއާގައި ފާހަގަކުރާ ދަސޭރާ ފެސްޓިވަލާއި ދިމާކޮށެވެ.
އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ބަޠަލު ސަރުދާރު އުދަމް ސިންގްގެ މައްޗަށް އުފައްދާ މި ބަޔޯޕިކް އަކީ 1919 ގައި އިންޑިއާގެ އަމްރިތުސަރުގެ ޖަލިއަންވާލާ ބާގްގައި އިނގިރޭސީންނާ ދެކޮޅަށް ހިންގި ގަތުލްއާންމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އުދަމް ސިންގް އިނގިރޭސިވިލާތުގެ ލަންޑަނުގައި މަރާލި ހާދިސާ ދައްކައިދޭ ފިލްމެވެ.
ވިކީގެ އިތުރުން 2018 ވަނަ އަހަރު ދެއްކި ޑައިރެކްޓަރ ޝޫޖިތުގެ ފިލްމު "އޮކްޓޫބަރ" ގެ ބަޠަލާ ބަނީތާ ސަންދޫ އާއި އަމޯލް ޕަރްޝާރްވެސް މި ފިލްމުން ފެނިގެންދާނެއެވެ.
2018 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު "ރާޒީ" އިން ބޮޑަށް މަޝްހޫރުވެގެންދިޔަ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ބިރުވެރި ފިލްމު '"ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް' އެވެ. ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ގްރޭޓް އިންޑިއަން ފެމިލީ" ، "މިސްޓަ ލޭލޭ" އަދި "ސޭމް ބަހާދޫރު" ހިމެނެ އެވެ.