ކުޅިވަރު

މިއީ ދިވެހި ކޯޗުންނަށް ވާނެ ފަހަރުކަން ދައްކަން ބޭނުން: ސުޒެއިން


ނޭޕާލާއި އިންޑިޔާ ކުޅެފައި އައުމަކީ ރާއްޖެ އެއްވެސް ވަރަކަށް ޖެހިލުންވާނެ ޖެހޭ ސަބަބެއް ނޫންކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ. މިއަދު ހަވީރު ފަށާ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ވާދަކުރާ މެޗްގައި ބައްދަލުކުރާނީ ނޭޕާލާއި ދިވެހިރާއްޖެއެވެ.

މިމުބާރާތުގެ ރާއްޖެ އާއި ނޭޕާލުން ވަނީ ގަތަރުގައި ކޭންޕުކޮށްފައެވެ. ސްރީލަންކާއިން ކޭންޕު ކޮށްފައިވަނީ ސައުދި އަރަބިއްޔާގައެވެ. މިމުބާރަތަށް އައުމުގެ ކުރިން ނޭޕާލުން ވަނީ އިންޑިޔާއާއި ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. ފުރަތަމަ މެޗް އެއް ވަރުވެގެން ނިމުނުއިރު، ދެވަނަ މެޗުން އިންޑިޔާ މޮޅުވީ 2 ލަނޑު 1 ލަނޑުންނެވެ. ދިވެހިރާއްޖެއިން ގަތަރުގައި ކުރި ކޭންޕްގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވާއިރު، ދެވަނަ މެޗްވީ އެއްވަރުއެވެ. މިރޭ ނޭޕާލާއި ދިވެހިރާއްޖެ ވާދަކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗް ޢަލީ ސުޒޭން ބުނީ މުބާރާތުގެ ކުރިން މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް އިންޑިޔާއާއި ދެކޮޅަށް ނޭޕާލުން މެޗްތަކެއް ކުޅެފައި އޮތުމުން އެޓީމަށް ބައެއް ކަންތައްތަކުގައި ފުރުސަތު ބޮޑުވިނަމަވެސް މިއީ ރާއްޖެއިން އެއްވެސް ވަރަކަށް ޖެހިލުންވާނެކަމެއް ނޫންކަމަށެވެ. މިވަގުތު ރާއްޖޭގެ ޓީމަށް ބަލާއިރު، ނޭޕާލް ޓީމަކީ ރާއްޖޭގެ ޓީމަށް ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށް ގައުމީ ކޯޗް ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާއަކީ ރާއްޖޭގެ ގައުމީ ޓީމަށް މިވަގުތު ލިބޭނެ އެންމެ ބޮޑު ހިތްވަރުކަމަށާއި އުއްމީދަކީ މިރޭގެ މެޗަށް މުޅި ދަނޑު ފުރާލުންކަމަށްވެސް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ އަބަދުވެސް ދިވެހި ގައުމީ ޓީމުގެ ފަހަތުގައި ދިވެހި ސަޕޯޓަރުންވާނެކަމަށާއި މިއީ އެއްވެސް އިރެއްގައި ގައުމީ ޓީމުގެ ކުޅުންތެރިން ޝައްކުވެސް ކުރާކަމެއް ނޫންކަމަށެވެ. އަދި ނޭޕާލްގެ މައްޗަށް ކުރި ހޯދާ ގައުމީ ޓީމް މެޗުން މޮޅުވާނީ ދިވެހި ސަޕޯޓަރުންގެ އެހީއާއެކުކަމަށް ކޯޗް ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ސާފް ޗެންޕިއަންޝިޕް ފަދަ ކުރު މުބާރާތަކަށް ދިވެހި ކޯޗުލައިންގެ ނުވާނެކަމެއް ނޯންނާނެކަމަށާއި މިއީ ދިވެހި ކޯޗުންނަށް ވެސް ރާއްޖެއަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްދިނުމަށް ލިބޭ އެންމެ ރަގަނޅު ފުރުސަތުކަމަށެވެ. އަދި މިވަގުތު ގައުމީ ޓީމުގައި ތިބި ދިވެހި ކޯޗުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކު، މުބާރާތް ކާމިޔާބުކުރުމަށް ކުރަމުންދާ އުއްމީތައް އިތުރު ފޮނިކަމެއް އައިސްފައިވާކަމަށް ސުޒޭން ބުންޏެވެ.

"ހުސް ދިވެހި ޓީމެއް އޮތީމަ އެންމެންގެ ވެސް އޮބައޮތް ވިސްނުމެއް، މިއީ އަޅުގަނޑުމެން ޕްރޫވް ކުރަންޖެހޭ ކަމެއް މިއީ. މިގޮތަށް ވެސް މަސައްކަތް ކުރެވިދާނެކަމަށް. ދިވެހި ކޯޗުން ލައިގެން ވެސް މިކަން ކުރެވިދާނެކަން. މިވަގުތު ގައުމީ ޓީމުގައި ތިބި ދިވެހި ކޯޗުންގެ އިތުރުން، ރާއްޖޭގައި ދެންތިބި ދިވެހި ކޯޗުންނަށްވެސް މިއީ ވަރަށް މުހިންމުކަމެއް. މިމުބާރާތުގައި ކާމިޔާބީއާއި ހަމައަށް އާ ދެވިއްޖެކަމަށްވާނަމަ، ކުރިން ދިވެހި ކޯޗުންނަށް ނުކުރާ އިތުބާރު މިހާރު ދިވެހި ކޯޗުންނަށް ކުރާނެ. އަދި މިފަދަ ދަނޑިވަޅެއްގައި މިކަން ކުރެއްވިޖެނަމަ، މިއީ ދިވެހި ކޯޗުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ. މުޅި މުބާރާތް ވެސް އޮތީ ދިވެހިންގެ އަތްމަތީގައި. ހުރިހާ މަސައްކަތެއް ވެސް ދިވެހިން ކުރާއިރު، ދިވެހި ސަޕޯޓަރުންގެ އެހީގައި އުއްމީދަކީ މިފަހަރު މިކަން ކުރުން." ސުޒޭން ބުންޏެވެ.

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނީ ނޭޕާލްގައި ޒުވާން ކުޅުންތެރިން ގިނަވެގެން ގައުމީ ޓީމަށްވާނެ އެއްވެސް ގެއްލުމެއް ނޯންނާނެކަމަށާއި މިވަގުތު ރާއްޖޭގެ ގައުމީ ޓީމަށް ބަލާލިކަމަށް ވީނަމަވެސް، ރާއްޖެގެ ގައުމީ ޓީމުގެ ބޮޑު ބައި ހިއްސާ ކުރަނީ ޒުވާން ކުޅުންތެރިންކަމަށެވެ. މިމެޗަށް ނިކުންނައިރު ބޮޑު ފައިދާއެއް ކުރާނީ ރާއްޖެއަށްކަމަށާއި އެންމެ ބޮޑު ފައިދާ އަކީ އަމިއްލަ ގައުމުގައި މެޗްތައް ކުޅުންކަމަށް ވެސް ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުންޏެވެ. އަދި ނޭޕާލް ޓީމު ކިތަންމެ ވަރުގަދަ ނަމަވެސް އަމިއްލަ ފަސް ގަނޑުގައި ރާއްޖޭގެ ޓީމަށް މިމުބާރާތް ކާމިޔާބު ނުކުރެވެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަކްރަމް ބުންޏެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރިއިރުގައި އެތަށި އުފުލާލާފައިވަނީ އަކްރަމްގެ ބޭބެ އައްސަދު ޢަބްދުލްޣަނީއެވެ. އަދި ރާއްޖެއިން ދެވަނަ ފަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރިއިރު އެތަށި އުފުލާލާފައިވަނީ އައްސަދުގެ ކޮއްކޮ އަކްރަމްއެވެ. މިއާއެކު އަކްރަމް ބުނީ ތިންވަނަ ފަހަރު މިތަށި ކާމިޔާބުކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

"މިފަހަރުވެސް އަޅުގަނޑު މިހިރީ ކެޕްޓަނެއްގެ ގޮތުގައި. އެހެންވީމަ މިއީ ވަރަށް ބޮޑު ޒިންމާއެއް އަޅުގަނޑަށް ހަވާލުވި. އެހުރިހާ ޒިންމާއަކާއެކު އަޅުގަނޑުގެ ޓީމާއެކު މިނިކުންނަނީ ވަރަށް ފޮނި ކާމިޔާބީއެއް ހޯދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުގައި އެފެންވަރު އެބަހުރި. އަމިއްލަ ފަސްގަނޑުގައި ކުޅެން ތަށި ދިފާޢު ކުރަން މިނިކުންނަނީ. ރައްޔިތުންގެ ތަރުހީބާއި ހެޔޮދުޢާ އަޅުގަނޑުމެން ބޭނުންވަނީ. މިހުރިހާކަމަކާއެކު، މިކަންވެސް ކާމިޔާބުވާނެކަމަށް އުއްމީދު ކުރަނީ." އަކްރަން ބުންޏެވެ.