ކުޅިވަރު

ނޭޕާލްގެ ތާރީޚީ މޮޅު ޚާއްސަ ކުރީ ބޭބެއަށް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ރާއްޖެ މައްޗަށް ހޯދުނު މޮޅު ޚާއްޞަ ކުރީ މީގެ ދެދުވަސްކުރިން ނިޔާވި އޭނާގެ ބޭބެއަށް ކަމަށް ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންގައި ރޭ ނޭޕާލްއިން ވަނީ ވަރަށް ތާރީޚީ މޮޅެއް ހޯދާފައެވެ. ނޭޕާލް އާއި ރާއްޖެ މިހާތަނަށް 7 މެޗް ކުޅެފައިވާއިރު، ފަސް މެޗް ރާއްޖެ ކާމިޔާބުކޮށްފައިވާއިރު، ދެ މެޗް ނިމުނީ އެއްވަރުވެގެންނެވެ. މިމެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ނޭޕާލްގެ ކޯޗް ހާޒިރު ނުވީވެސް އޭނާގެ ބޭބެ ނިޔާވުމުގައި ސަބަބުންނެވެ.

މިހިތާމަވެރި ދަނޑިވަޅުގައި މެޗަށްފަހު ވާހަކަދައްކަމުން ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނީ މިއީ ބުނަންވެސް ނޭނގޭ ފަދަ އިހުސާސްތަކެއް ގެނުވި މެޗެއްކަމަށެވެ. މިހާތަނަށް ރާއްޖޭގެ މައްޗަށް ކާމިޔާބެއް މިހާތަނަށް ހޯދިފައެއް ނުވާއިރު، ރާއްޖޭގައި އަދި ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދުމަކީ ވަރަށް ހާއްސަކަމެއްކަމަށެވެ. ނޭޕާލް ކޯޗް ބުނީ މިކާމިޔާބީ ބޭބެއަށް ހާއްސަ ކުރާއިރު، މިއީ ވަރަށް އުނދަގޫ ވަތުކޮޅެއްކަމަށެވެ. ބޭބެ ނިޔާވުމުގެ ހިތާމައިގައި އުޅެނިކޮށް، ނޭޕާލް ގޮވައިގެން ނިކުމެ، ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދުމާއި ގުޅިގެން ހިތާމަވެރިކަމާއި އުފާވެރިކަމުގެ އިހުސާސްތައް ވެސް ކުރެވޭކަމަށް ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުންޏެވެ.

ނޭޕާލްއިން ރާއްޖޭގެ ކޮޅަށް ގޯލް ޖެހީ މެޗް ނިމެން ފަސްވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. މިލަނޑާއެކު އެޓީމުން ކުޅެމުންދިޔައީ ލިބިފައިވާ ލީޑް ދިފާޢުކުރުމަށް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އަދި ރާއްޖެއިން އުފައްދަން މަސައްކަތް ކުރި ހަމަލާތައް ނޭޕާލްއިން ދިޔައީ ދިފާޢުކުރަމުންނެވެ. އެގައުމުން މިމުބާރާތައް ތައްޔާރުވުމަށް ގަތަރުގައިވެސް ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިޔައެވެ. ކޯޗް މުތައިރީ ބުނީ ރާއްޖެއާއި ދެކޮޅަށް ނުކުތީ ކުޅެން ޖެހޭ ގޮތް ވަރަށް ރަނގަޅަށް ދަނެގެން ރަނގަޅު ގޭމްޕްލޭނަކަށް ތައްޔާރުވެގެން ކަމަށެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް ރާއްޖެ ދަސްކުރިން މެޗުގެ ކުރިން. އެ މީހުން ކުޅޭ ގޮތާ ހުރިހާ ގޮތެއް ދިރާސާކުރިން. ޢަލީ އަޝްފާގަށް ބޯޅަ ލިބުނީމަ ޓީމު މޫވްކުރާގޮތާ ހުރިހާ ގޮތެއް ބެލިން. އަހަރެމެންނަށް އެނގޭ ރާއްޖޭގައި މި މެޗު ކުޅޭތީ އަހަރެމެންނަށް އެނގޭ މެޗު 0-0 އިން އެއްވަރުވެފައި. ނޫނީ 1-0 އިން އަހަރެމެން ކުރީގައި އޮއްވައި ހިނގާ ކޮންމެ މިނިޓެއްގައި ސަޕޯޓަރުންގެ އުއްމީދުތަކާ ހުރިހާ ކަމެއްގެ ޕްރެޝަރު ރާއްޖެ އަކީ ހޯސްޓްވީމަ އޮންނާނެކަން. އެއީ ރާއްޖެ އަށް އިތުރުވާނެ ދެ ގުނަ ޕްރެޝަރު އެ ފައިދާ އަހަރެމެން ނެގީ. ކުރި މަސައްކަތަށް ބަލާއިރު މިއީ ހައްގު މޮޅެއް." ކޯޗް މުތައިރީ ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ކުރިން ނޭޕާލުން އެންމެ ފަހު މެޗަކަށް ކުޅުނީ އޮމާނާ ދެކޮޅަށެވެ. އެ މެޗުން 7-2 އިން ނޭޕާލް ބަލިވުމުން އެ ޓީމަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި ކަން ފާހަގަކޮށް މުތައިރީ ބުނީ އޭނާވެސް އެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު، އެ ފަދަ މެޗުތައް ނަތީޖާ އަށް ނުބަލައި ކުޅޭ ސަބަބަކީ އޭގެއިން ލިބޭ ތަޖުރިބާގެ ބޭނުން ހިފައި ކުޅުންތެރިންނަށް ކުރިއަށް ދެވޭނެތީކަމަށް މުތައިރީ ބުންޏެވެ.

ހޯމަ ދުވަހުގެރޭ ނޭޕާލް ނިކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެވެ.