ފުރުސަތު ދީފިނަމަ، ނޭޕާލްގެ ގައުމީ ޓީމަކީ މިސަރަހައްދުގެ ވަރުގަދަ ބާރަކަށް ހެދޭނެކަމަށް ގަބޫލް ކުރާކަމަށް ކުވޭތުގެ ކޯޗު ޢަބްދުﷲ އަލްމުތައިރީ ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ނޭޕާލުން ވަނީ ރާއްޖެ ބަލިކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެޓީމުން ވަނީ 1 ލަނޑު 0 ލަނޑުން ރާއްޖެ ފުރަތަމަ ފަހަރަށް ބަލިކޮށްފައެވެ. ނޭޕާލަކަށް މިހާތަނަށް ރާއްޖޭގެ ސީނިއަރ ޓީމު ބަލި ކުރެވިފައެއް ނުވެއެވެ.
ނޭޕާލްގެ ފުޓްބޯޅަ ކުރިއެރުވުމަށް އެގައުމުން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އެގައުމުން ދަނީ އުމުރުފުރައިގެ ޓީމުތައް ކުރިއަރުވަމުންނެވެ. ނޭޕާލްގެ ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑު ޒިންމާއެއް މިހާރު ހަވާލުވެފައިވަނީ އެގައުމުގެ ސިނިއަރ ޓީމުގެ ކޯޗް ޢަބްދުﷲ އަލްމުތައިރީއާއިއެވެ.
ރާއްޖެއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ނޭޕާލުން ބޮޑު މޮޅެއް ހޯދާފައިވާއިރު، މިއީ 2008ވަނަ އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ފަހުން ރާއްޖެ ސަރަހައްދުގެ ޓީމެއް އަތުން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.
މިތާރީޚީ މޮޅަށްފަހު ނޭޕާލްގެ ކޯޗް ޢަބްދުﷲ އަލްމުތައިރީބުނީ އޮމާން އަތުން 7 ލަނޑު 2 ލަނޑުން ނޭޕާލް ޓީމް ބަލިވުމާއި ގުޅިގެން އެގައުމްގެ ނޫސްވެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ނުހުރުން ފާޅުކޮށްފައިވާކަމަށާއި އެމެޗުގެ ސަބަބުން ބޮޑު ޕްރެޝަރަކަށް ވެއްޓިގެންދިޔަކަމަށެވެ. ޢަބްދުﷲ އަލްމުތައިރީބުނީ މޮޅެތި ޓީމްތަކާ ކުޅެގެން ވަރަށް ގިނަ ކަންކަން ދަސްވާނެކަމަށާއި އޭގެ ފައިދާ ފަހުން ޓީމަށް ކުރާނެކަމަށެވެ.
"ކޮންމެ މީހެއް ވެސް ބަލާނީ ނަތީޖާ އަށް. ރޭންކިން މަތި ޓީމުތަކާ ކުޅެގެން ނަތީޖާ ނުނިކުތަސް އެ ލިބެނީ ތަޖުރިބާއެއް. އެއީ މުސްތަގުބަލުގައި ބޭނުންކުރެވޭނެ ބޮޑު އެއްޗެއް. އެ ފިޔަވަޅު މަތިން އަހަރެމެން ކުރިއަށްދާނީ. އަހަރެން ޔަގީންކަމާއެކު ބުނާނަން މި ޓީމު އެކުގައި ޑިވެލޮޕްވާން ފުރުސަތު ދީފިއްޔާ. މިއީ ސަރަހައްދުގެ މޮޅު ޓީމަކަށް ވާނެ." މުތައިރީ ބުންޏެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ސާފް ޗެންޕިއަންޝިޕް މުބާރާތް ކުރިއަށްދަނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.