އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް އިންޑިޔާ ކުރިމަތިލާއިރު މުބާރާތަށް އައީ ތަށިކާމިޔާބުކުރަން ކަން ކުޅުންތެރިންވެސް ދަންނަން ޖެހޭނެކަމަށް އިންޑިޔާގެ ކޮރޭޝިޔާ ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ. އިންޑިޔާއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެންމެ ފަހުން 2018ވަނަ އަހަރު ރާއްޖެއިންވަނީ އިންޑިޔާ ބަލިކޮށް މުބާރާތުގެ ތަށި ހޯދާފައެވެ. އެފަހަރު އިންޑިޔާއިން މުބާރާތަށް ފޮނުވާފައިވަނީ އެޤައުމުގެ ޖޫނިއަރ ޓީމެވެ. އެގައުމުގެ ސީނިއަރ ޓީމް އޭރުގައި ވާދަކޮށްފައިވަނީ އޭޝިއަން ކަޕްގައެވެ. އެންމެ ފަހުގެ ސާފް ތަށި ގެއްލުމާއެކު މިފަހަރު އިންޑިޔާއިން މުބާރާތުގައި ވާދަކުރުމަށް އައިސްފައިވަނީ އެގައުމްގެ ސީނިއަރ ޓީމެވެ. އިންޑިޔާއިން އެޓީމް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ލަންކާ ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝްއާއިއެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން ސްޓިމަކް ބުނީ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ތަފާތު ޓީމެއް ކަމަށާއި އެހެން ޓީމުތަކާއި އިންޑިޔާ ތަފާތުވަނީ ކުޅުންތެރިންގެ ގުޅުން ވަރުގަދަކަމުން ކަމަށެވެ. އެގޮތުން ޓީމާއެކު 16 ދުވަހު ފަރިތަކުރުންތައް ދިޔައީ ހިތްހަމަޖެހޭ ގޮތަށްކަމަށް ސްޓިމަކް ބުންޏެވެ. އޭނާ ބުނީ އަބަދުވެސް އިންޑިޔާއަކީ މުބާރާތުގެ ފޭވަރިޓުން ކަމަށާއި މި އަހަރުގެ މުބާރާތަށްވެސް އިންޑިޔާ ނުކުންނާނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި އިންޑިޔާ ޓީމަކީ މުބާރާތުގެ ފޭވަރިޓުންކަން ދަނޑުމަތީގައި ސާބިތުކޮށްދޭން ޖެހޭކަމަށް ވެސް ކޯޗް ބުންޏެވެ.
"އަހަރެމެންނަކީ ފޭވަރިޓުންކަން ސާބިތުކޮށްދޭން ޖެހޭ. ކޮލިޓީއާ އެކު އަހަރެމެން ކުޅެން ޖެހޭ. އަހަރެމެން އެއްވެސް ޓިމަކީ ބަލި ޓީމެއް ކަމަށް ނުދެކޭނަން. އަހަރެން ބޭނުމީ އަހަރެމެންގެ ޓީމަކީ މި މުބާރާތުގެ އެންމެ މޮޅު ޓީމުކަން ކުޅުންތެރިންގެ ކުޅުމުން ދަނޑުމަތީގައި ސާބިތުކޮށްދޭން. ވަރަށް ހިތްހަމަ ޖެހޭނެ މުބާރާތް ކާމިޔާބު ކުރެވިއްޖިއްޔާ. އެހެންވެ އަހަރެމެން މި ތިބީ މި މުބާރާތަށް އައިސް. އަހަރެމެންނަށް މުބާރާތް ބޭނުމެއް ނެތޭ ނުބުނެވޭނެ. އޭރުން ކޮންފިޑެންސަށް އަސަރުކޮށްފާނެ. އެހެންވީމަ ވެވުނު ވަރަކުން ތައްޔާރުވެގެން މި ތިބީ އެންމެ ރަނގަޅަށް،" ސްޓިމަކް ބުންޏެވެ.
އިންޑިއާ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީ އަށް އިންޑިޔާ ޓީމުން ބަރޯސާ ނުވާނެކަމަށާއި ޗެތުރީ ނުލާވެސް ޓީމުން މީގެ ކުރިން ރަނގަޅު ނަތީޖާތަކެއް ނެރިފައެވެ. އިންޑިއާ އިން ޓީމު އެކުލަވާލިއިރު، މިދިޔަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ކުޅެން ރާއްޖެ އައި ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން ކުޅުންތެރިންނަށް ވަނީ އިސްކަންދީފަ އެވެ. ސްޓިމަކް ބުނީ މެޗު ކުޅޭ މާހައުލަށް ހޭނިފައި ހުރުމުގެ އިތުރުން ފިޓްނަސް އަށް ބެލިޔަސް އޭޓީކޭ އާއި ބެންގަލޫރުގެ ކުޅުންތެރިން ރަނގަޅު ކަމަށެވެ. އެންމެ ފަހުން ބަންގްލަދޭޝް އާއި ލަންކާ ކުޅުނު މެޗްގައި ބަންގްލަދޭޝްގެ ވަރަށް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެވަނީ އެޓީމްއަށް ސްޕޯޓްކޮށްފައެވެ. މިކަމަށް އިޝާރާތްކޮށް އިންޑިޔާ ޓީމްގެ ކޯޗް ސްޓިމަކް ބުނީ އިންޑިއާގެ މީހުން ވެސް ރާއްޖޭގައި އުޅޭ ކަމަށާއި އުއްމީދަކީ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވުރެ އިންޑިއާ އަށް ތަރުހީބު ދޭ މީހުން ގިނައިން ދަނޑަށް ވަނުން ކަމަށެވެ.