ކުޅިވަރު

ބަންގްލަދޭޝް އާއި އިންޑިއާ މެޗު އެއްވަރު


އުރީދޫ ސާފު ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ. ބަންގްލަދޭޝް ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި އޮތުމުން އެ ޓީމުން މެޗު ފެށީ ޑިފެންސިވްކޮށެވެ. މިމުބާރާތުގައި ބަންގްލަދޭޝްއިންވަނީ ސްރީލަންކާއާއި ވާދަކޮށް 1 ލަނޑުން 0 ލަނޑުން މެޗް ކާމިޔޔާބުކޮށްފައެވެ. މިއާއެކު އިންޑިޔާއިން މެޗުގެ ކުރީކޮޅު ކުރިއަށް ކުޅެ އެޓޭކް ކުރެވޭތޯ މަސައްކަތްކުރިއެވެ.

އިންޑިއާގެ ފޯވާޑް، މަންވީރަށް ލިބޭ ފުރުޞަތު މަދުކުރަން ބަންގްލަދޭޝް ޓީމުންދިޔައީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް މަންވީރު ދިޔައީ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ސުނިލް ޗެތުރީ ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިންޑިއާއަށް ލީޑު ނަގައިދީފައެވެ. އުދަންތާ އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ޗެތުރީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންޑިޔާއަށް ލީޑް ނަގާދީފައެވެ. މިއީ ޗެތުރީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ކާމިޔާބުކުރި 11 ވަނަ ގޯލެވެ. ސުނިލް ޗެތުރީ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ގޯލެއް ޖެހީ 2015 ވަނަ އަހަރުގެ ފައިނަލުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އިންޑިއާ ލީޑުނެގިތާ މިނިޓެއްގެ ތެރޭގައި ބަންގްލަދޭޝް އިން ކުރި އެޓޭކެއްގައި އޭރިއާ ބޭރުން ބިޕްލޯ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. ޗެތުރީ ވަނީ މެޗުގެ 37 ވަނަ މިނިޓްގައި އިންޑިއާއަށް ލީޑު ފުޅާކޮށްދިނުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ޗެތުރީ އޭރިއާ ބޭރުން ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ. އެ ކޯނަރުގައި އިންޑިއާ އަށް ހަމަލާއެއް ނުއުފެއްދެނީސް ބަންގްލަދޭޝް އިން ރަނގަޅު ކައުންޓަ އެޓޭކެއް ކުރިއެވެ. އޭރިއާތެރެއިން ބަންގްލަދޭޝްގެ ސާދު ޖައްސާލި ބޯޅަ އެ ޓީމުގެ ބިޕްލޯ ފޮނުވާލި ނަމަވެސް އިންޑިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

އިންޑިއާ އިން ދެ ވަނަ ހާފަށް ނުކުތީ އަނީރުދްގެ ބަދަލުގައި ބްރެންޑަން ފެނާންޑޭސް ކުޅެން އަރުވައިގެންނެވެ. ދެވަނަ ހާފްގައި ބަންގްލަދޭޝަށް މައްސަލަ ދިމާވީ މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ބިޝްވަނާތު ގޯޝް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ބިޝްވަނާތަށް ރަތްކާޑު ދެއްކީ އިންޑިއާގެ ލިސްޓަން ކޮލާސޯ މުޅިން ހުސްކޮށް ކުރިއަށް އެރި ބޯޅައެއްގައި ބިޝްވަނާތު ވަނީ އޭނާ އަށް ފައުލުކުރުމުންނެވެ.

ބަންގްލަދޭޝްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 60 ވަނަ މިނިޓްގައި އިންޑިއާ އިން ދެ ވަނަ ގޯލެއް ޖަހަން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. ނަމަވެސް އެއިން އެއްވެސް ޙަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފްގައި ބަދަލުތައް ގެނެސްގެން ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކުރިއެވެ. ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކޮށް މެޗުގެ 73 ވަނަ މިނިޓްގައި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ބަންގްލަދޭޝްގެ ޔާސީން އަރަފާތު ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ގޯލަށެވެ.

ބަނގްލަދޭޝްއިން ލަނޑު ޖެހުމާއެކު އިންޑިއާ އަލުން ލިޑުނަގަން ކުރިއަށް ޖެހިގެން ކުޅެން ފަށައި މެޗުގެ 85 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލިއެވެ. ޗެތުރީ މަންވީރަށް ދިން ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް، އެ ބޯޅައިގެ ހުރަހަކަށްވީ ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބަރްމަންއެވެ.

ފަހު ވަގުތު ބަންގްލަދޭޝް އިން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވިއެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ބަންގްލަދޭޝް އޮތީ ތާވަލުގެ އެއް ވަނައިގައެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓާ އެކު އޮތް ނޭޕާލެވެ. އެއް މެޗުން ޕޮއިންޓެއް ހޯދައިގެން އިންޑިއާ ތިން ވަނައިގައި އޮތްއިރު، ހަތަރުވަނައިގައި އޮތް ރާއްޖެ އާއި ފަސްވަނައިގައި އޮތް ލަންކާ އަށް ޕޮއިންޓެއް ނުލިބެއެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުގެ އެންމެ ކުރިހޯދާ ދެ ޓީމެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ސްރީ ލަންކާއާއި ނޭޕާލެވެ.