ކުޅިވަރު

ގައުމީ ޓީމްގެ ޖޯޒީ ވިއްކަން ފެށުމާއެކު ބޮޑު ކިއުއެއް ހަދައިފި


ގައުމީ ޓީމްގެ ޖޯޒީ ވިއްކަން ފެށުމާއިއެކު ބޮޑު ކިއުއެއްހަދައިފިއެވެ. މިއަދު ހެނުނު 10ޖެހިއިރު ޖޯޒީ ވިއްކަން ފެށުމާއެކު، ހެދުނު 9 އިން ފެށިގެން ޖޯޒީ ގަތުމަށް މީހުން ވަނީ ކިއުހަދާފައެވެ. މިފަހަރު ގައުމީ ޓީމް ބޭނުން ކުރަމުންދާ ޖޯޒީ އުފެއްދައި ވިއްކަން ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ އައިލެންޑް އެޕެރަލްސްއާއެވެ. މިއީ ގައުމީ ޓީމުގެ ޖޯޒީގެ އެންމެހާ ކަންކަން ދިވެހި ކުންފުންޏަކާއި ހަވާލް ކުރި ފުރަތަމަ ފަހަރެވެ. އެފްއޭއެމުން ބުނީ ދިވެހި ކުންފުންޏަކާއި މިފަހަރުގެ ގައުމީ ޓީމް ޖޯޒީ ހަވާލުކުރީ ދިވެހި ވަންތަގޮތަކަށް ޖޯޒީ ފަރުމާކުރުމުގެ ބޭނުމުގައިކަމަށެވެ.

އައިލެންޑް އެޕެރަލްސްއިން ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުން ފެށިގެން ގައުމީ ޓީމްގެ ޖޯޒީ ހޯދުމަށް ޕްރީ އޯޑަރ ކުރުމަށް ހުޅުވާލާފައެވެ. އަދި ގައުމީ ޓީމްގެ ޖޯޒީ މިދިޔަ މަހުގެ 30ވަނަ ދުވަހު ދައްކާލުމާއެކު އައިލެންޑް އެޕެރަލްސްއިންވަނީ ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ޖޯޒީ ވިއްކާފައެވެ. އަދި މިހާތަނަށް އެފަރާތުން ޖޯޒީ ވިއްކާފައިވަނީ ހަމައެކަނި ޕްރީ އޯޑަރ ކުރި ފަރާތްތަކަށެވެ. ނަމަވެސް އައިލެންޑް އެޕެރަލްސްއިން ވަނީ މިއަދުން ފެށިގެން އައިލެންޑް އެޕެރަލްސްގެ ފިހާރައިން ޖޯޒީ ވިއްކަން ފަށާފައެވެ. އެފަރާތުން މިއަދު ވިއްކާފައިވަނީ 200 ޖޯޒީއެވެ. އައިލެންޑް އެޕެރަލްސްއިންބުނީ ކޮންމެ ދުވަހަކުވެސް ހެދުނު 10 ޖަހާއިރު ޖޯޒީ ވިއްކާނެކަމަށެވެ.

އައިލެންޑް އެޕެރަލްސްއިންއިން ބުނީ ގައުމީ ޓީމްގެ ޖޯޒީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި ޖޯޒީ ގަންގަން ބޭނުންވާ މިންވަރަށް ނުއުފެއްދިފައިވާކަމަށެވެ. އެފްއޭއެމްއިންވަނީ ބައެއް ފަރާތްތަކުން ގައުމީ ޓީކްގެ ޖޯޒީ ކޮޕީ ހަދައިގެން ވިއްކަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އެފްއޭއެމުން ބުނީ ކޮޕީރައިޓް ގާނޫނުގައި ބަޔާން ކުރާ ހަމަތަކާ ޚިލާފަށް އެފްއޭއެމްގެ ހުއްދަ ނެތި ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ ވިއްކަމުންދާ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް އެފްއޭއެމުން ގާނޫނީ ހައްލު ހޯދާނެ ކަމަށެވެ.