ތިމާވެށި

ކޮޕް 21 ސަމިޓްގައި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވުނު


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކުރިއަށް ދިޔަ މޫސުމާ ބެހޭ ސަމިޓްގައި ދުނިޔޭގެ ކުދި ގައުމުތަކުގެ ހައްޤުގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކޮޕް  ސަމިޓް ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. މޫސުމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އެއްބަސްވުމެއް އެކުލަވާލި އދގެ ކޮޕް  އެކާވީސް ވަނަ  ސަމިޓްގައި 200 އަށް ވުރެ ގިނަ ގައުމު ތަމްސީލުކޮށްފައިވެއެވެ. ސަމިޓްގައި އެކުލަވާލީ ތާރީޚީ އެއްބަސްވުމުގައި ބައިވެރިން ސޮއިކުރެއްވުމަށް ފަހު، ވަކި ވަކި ޤައުމުތަކާއި ތިމާވެއްޓާ ބެހޭ އިއްތިހާދުތަކުގެ އިސްވެރިން ވަނީ ސަމިޓްގައި ތަޤްރީރުކުރައްވާފައެވެ.މި ސަމިޓްގައި ބައިވެރި ގައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެއިންވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިހާދު އެއޯސިސްގެ ރިޔާސަތު ބަލަހައްޓަވާ ޤައުމުގެ ހައިސިއްޔަތުން، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ކުރިމަތިވާ އެކި ކަހަލަ ނޭދެވޭ ކަންކަމާއި ބެހޭ ގޮތުން ވަކާލާތުކޮށްފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޕެރިސް އެގްރިމެންޓްގެ ނަމުގައި އެކުލަވާލެވުނު އެއްބަސްވުމުގައި ކުދި ޤައުމުތަކަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން 2050 ވަނަ އަހަރާއި ހަމައަށް، ދުނިޔެ ހޫނުވަމުން އަންނަ މިންވަރު ދެ ޑިގްރީ ސެލްސިއެސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށް ޤައުމުތަކުންވަނީ އެއްބަސްވެފައެވެ. އަދި ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ރާއްޖެއިން ވަކާލާތުކޮށްފައިވާއިރު މި އެއްބަސްވުމުގައި ވަނީ މިކަމަށްވެސް ބާރު އަޅާފައެވެ. ރާއްޖެއިންވަނީ ދުނިޔޭގެ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ޤައުމުތަކާއެކު މަޝްވަރާކޮށް ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިކުރުވާ އިޔާދަ ނުކުރެވޭ ގެއްލުންތަކަށް މާލީ ބަދަލު ދިނުމަށްވެސް ކޮޕް ސަމިޓްގައި ވަނީ ނިންމަވާފައެވެ. އަދި 2020 ގެ ފަހުން ކޮންމެ އަހަރަކުވެސް ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް 100 ބިލިއަން ޑޮލަރު އެހީ ގޮތުގައި ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.