ވިޔަފާރި

މުދާ ބޭރުކުރި މިންވަރު 34 އިންސައްތަ އިތުރުވެއްޖެ


މި އަހަރުގެ މިހާތަނަށް ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 34 އިންސައްްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ހާމަކޮށްފިއެވެ. ކަސްޓަމުން ނެރެފައިވާ މިދިޔަ މަހުގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން 3.4 ބިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކުރީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ގާތްގަނޑަކަށް 34 އިންސައްތައިގެ އިތުރުވުމެކެވެ. ކަސްޓަމުން ވިދާޅުވީ މި މުއްދަތުގައި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެފައިވާކަމަށެވެ.މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 1.61 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.84 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން އިމްޕޯޓް (އެތެރެ ކުރެވުނު) މުދަލުގެ ސީއައިއެފް އަގު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.4 ޕަސެންޓް އިތުރެވެ. މި އަހަރުގެ މިހާތަނަށް 28.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 28.8 ބިލިއަން ރުފިޔާގެ މުދަލެވެ. ކަސްޓަމުން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަހަރު އެވްރެޖު ގޮތެއްގައި ދަށްވުމަކީ ރާއްޖޭގެ އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށަށް ދިއުމުގެ މައިގަނޑު ސަބަބު ކަމަށެވެ.