ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް އިސްލާމީ ލަޝްކަރެއް އެކުލަވާލަނީ !


މެދު އިރުމަތީގައި ހަރަކާތްތެރިވަމުންދާ ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ހަރަކާތްތެރިވުމަށް މުސްލިމް ގައުމުތަކުގެ އަސްކަރީ އިއްތިހާދެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމުގެ އިސްކޮށް ހަރަކާތްތެރިވާ ސައުދީ ޢަރަބިއްޔާއިން ބުނެފައިވަނީ މި އިއްތިހާދުގައި 34 ގައުމަކުން ބައިވެރިވާނެ ކަމަށެވެ.މީގެ ތެރޭގައި ސަރަހައްދުގެ ބޮޑެތި ބާރުތައް ކަމަށްވާ ތުރުކީވިލާތާ މިސްރުގެ އިތުރުން ސައުދީ ޢަރަބިއްޔާ ވެސް ހިމެނޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އޭޝިޔާ ބައްރުގެ ބައެއް ގައުމުތަކާ އެފްރިކާގެ މުސްލިމް ގައުމުތައް ވެސް މި އިއްތިހާދުގައި ބައިވެރިވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ބުނެފައެވެ.ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދީގެ ވަލީ އަހުދުގެ ނަޢިބު އަދި ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވީ، ޓެރަރިސްޓް ޖަމާޢަތްތަކުގެ ސަބަބުން ގިނަ ގައުމުތަކަކަށް ސަލާމަތީ ގޮތުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާ މިކަމުގައި މުސްލިމް ގައުމުތަކުން ގުޅިގެން މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.އަދި މިއިއްތިހާދަކީ ސޫރިޔާއާ އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުގެ އިތުރުން ޔަމަނާ ލީބިޔާ އަދި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ވެސް ފިޔަވަޅުތައް އަޅާނެ އިއްތިހާދެއް ކަމަށް ސައުދީ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.އެހެން ނަމަވެސް، ސައުދީން އިއުލާނުކުރި އިއްތިހާދުގައި ސޫރިޔާއާ އިރާޤު ބައިވެރިކޮށްފައި ނުވުމަކީ އައި.އެސް ޖަމާޢަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުރަސް އަޅާނެ ކަމެއްގެ ގޮތުގައި މުރާސިލުން ދަނީ ސިފަކުރަމުންނެެވެ.އައި.އެސްގެ ހަނގުރާމަވެރިން އެންމެ ފުޅާ ދާއިރާގައި ހަރަކާތްތެރިވަމުންދަނީ އިރާޤާ ސޫރިޔާގައި ކަމަށްވާ އިރު، މިގައުމުތަކުގެ ސަރުކާރުތައް މިފަދަ އިއްތިހާދެއްގައި ހިމަނަން ޖެހޭ ކަމަށް މުރާސިލުން ބުނެއެވެ.ސަރަހައްދުގައި ސައުދީއާ އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ އީރާނުވެސް މި އަސްކަރީ އިއްތިހާދުގައި ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް، އީރާނަކީ ސަރަހައްދުގެ ބޮޑު ބާރަކަށް ވެފައި އެކި އެކި މައްސަލަތަކުގައި ބަސްބުނާ އެއް ގައުމަށް ވާއިރު އައި.އެސް ފަދަ ޖަމާޢަތްތަކުގެ ނުރައްކާ އީރާނަށް ވެސް އޮތް ކަމަށް އެގައުމުން ޤަބޫލުކުރެއެވެ.ސޫރިޔާއާ އިރާޤުގައި ހަރަކާތްތެރިވާ އައި.އެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔެއިން ޤާއިމުކޮށްފައިވާ އިއްތިހާދުގައި ވެސް ޢަރަބި ބައެއް ގައުމުތައް ބައިވެރިވެ ސޫރިޔާގެ ސަރަހައްދުތަކަށް ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.