ސިޔާސީ ޕާޓީގެ މެމްބަރުންގެ ތެރެއިން ފިންގަރ ޕްރިންޓް ހުށައަޅާފައި ނެތް މެމްބަރުންގެ ނަންތައް ޕާޓީތަކުން އުނިކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ މައްސަލާގައި ކޯޓުން ބޭރުން ސުލްހަވެރި ހައްލެއް ނުލިބި ޝަރީއަތް ފަށަން ނިންމައިފިއެވެ.ސީޔާސީ ޕާޓީތަކުގެ ޤާނޫނަށް ދާދީ ފަހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ޕާޓީތަކުގެ މެމްބަރުންނަށް ތިބެވޭނީ މެމްބަރޝިޕް ފޯމާއި އެކު އިނގިލީގެ ނިޝާންވެސް ހުށައަޅައިގެންކަމަށެވެ. މި އިސްލާހާއި އެކު ޕާޓީތަކުގައި ތިބި ހުރިހާ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ ނިޔަލަށް ޕާޓީތަކަށް ފުރުސަތު ހުޅުވާލާފައެވެ.އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމަކީ ޤާނޫނޫ އަސާސީއާއި ހިލާފް ނިންމުމެއްކަމަށް ބުނެ އެ ކޮމިޝަނާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އެމްޑީޕީއާއި ޑީއާރްޕީންނެވެ. މި މައްސަލައިގެ ޝަރީއަތްތަށް ފަށަން ސިވިލްކޯޓުން މިއަދު ނިންމީ ކޯޓުން ބޭރުގައި ބޭއްވި މަޝްވަރާތަކުގައި އެމްޑީޕީއާއި ޑީއާރްޕީން ހުށައެޅި ހުށައެޅުންތަކަށް ދައުލަތުން އެއްބަސްނުވުމުންނެވެ.އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވަނީ ޕާޓީތަކުގައި ތިބި މެމްބަރުންގެ ޕިންގަރ ޕްރިންޓް ހަމަކުރުމަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާއިރު ދީފައިވާ މުއްދަތާއި ގުޅިގެން އަދާލަތު ޕާޓީ ފިޔަވާ އެއްވެސް ޕާޓީއަކުން ޝަކުވާއެއް މިހާތަނަށް އެކޮމިޝަނަށް ހުށައަޅުއްވާފައިނުވާކަމަށެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި ފިންގަރ ޕްރިންޓް ހަމަނުކުރެވިއްޖެނަމަ ބާވީހަކަށް ހާސް މެމްބަރުން ޕާޓީތަކުން އުނިވެގެންދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.