ކުޅިވަރު

މެޗް ކާމިޔާބު ކުރެވުނީ ޕްލޭނާއި އެއްގޮތަށް ކަންތައްތައް ދިއުމުން - ވެންކަޓޭޝް


އުރީދޫ ސާފް ޗެންޕިއަންޝިޕް ފައިނަލަށް އިންޑިއާ ދިޔައީ ޕްލޭނާއި އެއްގޮތަށް ކުޅެގެންކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗު ޝަންމުގަމް ވެންކަޓޭޝް ބުނެފިއެވެ. މިމުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ އިންޑިޔާ އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗް އިންޑިޔާ ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި އިންޑިޔާއިން ތަފާތު ދައްކާފައިވަނީ އެޓީމަށް މިމެޗްގައި ދެ ލަނޑު ކާމިޔާބުކޮށްދިން ސުނިލް ޗެތުރީއެވެ. ރޭގެ މެޗްގައި އިންޑިޔާގެ ކޯޗު އީގޯ ސިޓަމްކަށް ރަތް ކާޑު ދެއްކުމުން މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައވަނީ އެޓީމުގެ އެސިސްޓެންޓް ކޯޗު ޝަންމުގަމް ވެންކަޓޭޝްއެވެ.

މެޗަށްފަހު އިންޑިޔާ ޓީމުގެ އެސިސްޓަންޓް ކޯޗު ޝަންމުގަމް ވެންކަޓޭޝް ބުނީ ރާއްޖެ ބަލިކޮށް ފައިނަލަށް ދެވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. ރޭ އިންޑިޔާއަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެންނެވެ. ވެންކަޓޭޝްބުނީ އިންޑިޔާއިން ޕްލޭނާއި އެއްގޮތަށް މަސައްކަތްކޮށް އެކަން ކާމިޔާބުވެއްޖެކަމަށެވެ. މިމެޗުން އިންޑިޔާއަށް މޮޅު ވެވުނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށާއި އަދި ޓީމުގެ ކޮންބިނޭޝަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މެޗްގައި ތަފާތު ދެއްކީ ޗެތުރީކަމަށާއި ކުރީގައި މަންވީރާއި ޗެތުރީގެ ކޮންބިނޭޝަން ދިޔައީ ވަރަށް ރަނގަޅަށްކަމަށް ވެސް ވެންކަޓޭޝް ބުންޏެވެ.

"ރަނގަޅު ޓީމަކާ ދެކޮޅަށް އަހަރެމެން ކުޅޭއިރު މި މުބާރާތުގައި ވިޔަސް އެހެން މުބާރާތެއްގައި ވިޔަސް އަހަރެމެން ވިސްނާނެ. ޓެކްނިކަލީ ބަލަންޏާ ރާއްޖެ ޓީމު ވަރަށް ރަނގަޅު. ހާލަތުތައް ވެސް ތަފާތު މިއަދު. މި މެޗުން އަހަރެމެންނަށް މޮޅުވުން ނޫން ގޮތެއް ނެތް. އެހެންވެ ޕްލޭންވެސް ތަފާތު ކުުޅުންތެރިން މެޗަށް މޯޓިވޭޓްވެފައި އޮތީ ވެސް ތަފާތު ކޮށް،" އިންޑިއާ ގައުމީ ޓީމަށް ކުރިން ކުޅުނު ވެންކަޓޭޝް ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނޭޕާލާ ދެކޮޅަށް އިންޑިއާ ފައިނަލުގައި ކުޅޭއިރު، މިއީ ސާފްގެ ފައިނަލުގައި ނޭޕާލުން ކުޅޭ ފުރަތަމަ ފަހަރެވެ. އަދި މިއީ އިންޑިއާ ފައިނަލްގައި ކުޅޭ 12 ވަނަ ފަހަރެވެ.