ކުޅިވަރު

ފޯ ނޭޝަން ކަޕް: ރާއްޖެ ފުރަތަމަ މެޗް ލަންކާއާ ދެކޮޅަށް


ސްރީލަންކާގައި ބާއްވާ ފޯ ނޭޝަން މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން މުބާރާތް ބާއްވާ ގައުމު ލަންކާއާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

މިއަންނަ މަހުގެ 8 ކުން 17އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯ ނޭޝަން ކަޕްގައި ވާދަކުރަނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކޮށްފައިވާ ބަންގްލަދޭޝް އާއި ސްރީލަންކާގެ އިތުރުން ރާއްޖެ އާއި ސީޝެލްސްއެވެ. މިމުބާރާތް ކުރިއަށްދާނީ ލަންކާގެ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގައެވެ. މިއީ ލަންކާގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އެގައުމުން ބާއްވާ މުބާރާތެކެވެ. ކޯވިޑް-19 އާ ގުޅިގެން ފާއިތުވެގެންދިޔަ ދެ އަހަރުވެސް ލަންކާގައި އެންމެ ރަނގަޅު ގޮތުގައި ފުޓްބޯޅައިގެ ޙަރަކާތްތަކެއް ކުރިޔަކަށް ނުގެންދެވެއެވެ. މީގެ ކުރިންވެސް 2012ވަނަ އަހަރު ލަންކާއިންވަނީ އިންޓަނޭޝަނަލް މުބާރާތެއް ބާއްވާފައެވެ. އެފަހަރުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ އެމުބާރާތް ކާމިޔާބުކޮށްފައެވެ.

ފޯ ނޭޝަން ކަޕްގައި ސީނިއަރ ގައުމީ ޓީމު ވާދާކުރާއިރު ފުރަތަމަ މެޗްގައި މިއަންނަ މަހުގެ 8 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިއަންނަ މަހުގެ 11ވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި މިއަންނަ މަހުގެ 14ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 17ވަނަ ދުވަހުއެވެ.

މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ލަންކާ ވެސް ބަލިކޮށްފައެވެ. ސާފް ޗެންޕިއަންޝިޕްގައި ވާދަކޮށްފައިވާ ސްރީލަންކާއިން 4 މެޗް ކުޅެފައިވާއިރު އެޓީމަށް އެއްވެސް މެޗެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ބަންގްލަދޭޝްއިން މިމުބާރާތުގައި 4 މެޗް ކުޅެފައިވާއިރު، އެޓީމު ވަނީ އެއްމެޗް ކާމިޔާބުކޮށް ދެ މެޗް އެއްވަރުކޮށް އަދި އެއް މަޗުން ބަލިވެފައެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާ 1 ލަނޑު 0 ލަނޑުން އަދި ބަންގްލަދޭޝް 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.