ކުޅިވަރު

ގައުމީ ޓީމު އެނބުރި އަންނާނީ ވަރުގަދަކޮށް: ބައްސާމް


މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމް ފައިނަލަށް ނުގޮސް ކެޓުމާއި ގުޅިގެން، ލިބުނު މާޔޫސްކަމުން އަރައިގަނެ، ޓީމް އެބުރި އަންނާނީ ވަރުގަދަކޮށްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މުބާރާތުގައި ގައުމީ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތާއި ޓީމުގެ 12ވަނަ ކުޅުންތެރިޔާ ދިވެހި ސަޕޯޓަރުން ދިން ސަޕޯޓް ފާހަގަކުރާކަމަށެވެ. އަދި ފުޓްބޯޅައިގައި މޮޅާ ބައްޔާވެސް ކުރިމަތިލާންޖެހޭނެކަމަށެވެ. ބައްސާމް ވިދާޅުވީ ފުޓްބޯޅައިގައި އެންމެ އުނދަގޫކަމަކީ ތަށި ދިފާޢުކުރުންކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިން އެތަށި ދިފާޢުކުރުމަށް ކުރި މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއްކަމަށް ބާއްސާމް ވިދާޅުވިއެވެ. އަދި ސަޕޯޓަރުން ކުރި ސަޕޯޓަށް މިއަށްވުރެއް ބޮޑު ކާމިޔާބީއެއް ހައްގުކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. މިފަހަރުގެ ގައުމީ ޓީމް ކުޅުނު ކޮންމެ މެޗެއްގައިވެސް ދިވެހި ސަޕޯޓަރުންވަނީ ދަނޑަށްވަދެ ދަނޑު ފުރާލާފައެވެ. އަދި 12ވަނަ ކުޅުންތެރިޔާގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކޮށްފައެވެ.

ބައްސާމް ވިދާޅުވީ މިކަމުން ވެސް އެނގެން އޮތީ ރާއްޖޭގައި ފުޓްބޯޅަ އަށް އޮތް މަގުބޫލުކަން ކަމަށާއި ޒުވާން ސަޕޯޓަރުންގެ މި ރޫހާ އެކު މުސްތަގުބަލުގައި ރާއްޖެ އަށް ފުޓްބޯޅައިގައި އިތުރު ކަންކަން ހާސިލްކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ފައިދާތަކެއް ކުރާނެކަމަށާއި އަދި ޒުވާން ކުޅުންތެރިންނަށް މިލިބުނީ ވަރަށް ބޮޑު މޯޓިވޭޝަނެއްކަމަށް ބައްސާމް ވިދާޅުވިއެވެ. ގައުމީ ޓީމު ދެން ވާދަކުރާނީ ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ ފޯ ނޭޝަންސް މުބާރާތުގައެވެ.

މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން 4 މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. ޖެހިގެން އައި ބަންގަލަދޭޝް މެޗް ރާއްޖެ ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ. އަދި 1 ލަނޑު 0 ލަނޑުން ލަންކާބަލިކޮށް، ފަހު މެޗްގައި ރާއްޖެއިންވަނީ އިންޑިޔާއާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން ބަލިވެފައެވެ. އިންޑިޔާ އަތުން ބަލިވުމާއި ގުޅިގެން ރާއްޖެއަށް ފައިނަލްގެ ފުރުސަތު ގެއްލުނުއިރު، 2018ވަނަ އަހަރު ލިބުނު ތަށިވެސް ދިފާޢު ކުރުމަށް ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ.