ކުޅިވަރު

ވީހާވެސް ގިނަ ދުވަސްވަންދެން ގައުމީ ޓީމަށް ކުޅެން ބޭނުން: ޗެތުރީ


ބޭނުންވަނީ ގައުމީ ޓީމަށް ވީހާވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދޭންކަމަށް އިންޑިޔާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ. އިންޑިޔާގެ ބައިޗުން ބުޓިޔާ ނަގާފައި ޗެތުރީ އަކީ އެގައުމުއި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އުމުރުން 37 އަހަރުގެ ޗެތުރީގެ ފަރާތުން އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އޭނާވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. މިއީ އޭނާ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ޗެތުރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އިންޑިޔާއިން ރާއްޖެ އާއި ފައިނަލް މެޗްގައި ނޭޕާލްއާއި ދެކޮޅަށް ކުޅުނު މެޗްގައި ޗެތުރީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. ނޭޕާލް ބަލިކޮށް އިންޑިޔާއިން ސާޗް ޗެންޕިއަންޝިޕްގެ ތަށި 8ވަނަ ފަހަރު ހޯދިއިރު، ޗެތުރީވަނީ ފައިނަލް މެޗްގައިވެސް ލަނޑެއް ޖަހާފައެވެ. މުބާރާތަށް ފަހު ދިން އިންޓަވިއުއެއްގައި ޗެތުރީ ބުނީ މިއީ އިންޑިއާ ޓީމުގެ އެންމެ މޮޅު ކުޅުންނޫންކަމާއި މިއަށްވުރެއް މޮޅަށްވެސް އިންޑިޔާއަށް ކުޅެވޭނެކަމަށެވެ. އަދި އެންމެ އުފާވަނީ ވަރަށް ޒުވާން ޓީމަކާއެކު މިފަހަރުގެ މުބާރާތް ކާމިޔާބުކުރެވުމުންކަމަށްވެސް ޗެތުރީ ބުންޏެވެ.

"އަހަރެންގެ މުސްތަގުބަލު ގައުމީ ޓީމުގައި މި ދަނީ ކުރިއަށް. އަހަރެން މި ފުރުސަތުތަކުގައި އުފާކުރަމުން މިދަނީ. އަހަރެން މަސައްކަތް ކުރަމުން މި ދަނީ ގައުމީ ޓީމުން އަހަރެން ހުންނަން އެދޭހާ ހިނދަކު މި ޓީމަށް ހިދުމަތް ކޮށްދޭން. އެއަށް ވުރެ އިތުރަށް އަހަރެން އެހެން ކަމަކަށް ނުވިސްނަން. ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެންގެ ކުޅުން ވެސް ދަމަހައްޓަން ޖެހޭ. އަހަރެން މި ގޮތަށް ކުރިއަށްދާން ލިބޭ ހިތްވަރަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިން އެ ކުރާ މަސައްކަތް. މިހާރު މި އޮތީ ރަނގަޅު ޓީމެއް. ބައެއް ކުޅުންތެރިން އެބަތިބި 2002 ގައި އުފަންވެފައި ވެސް. އެއީ އަހަރެން ފުޓްބޯޅަ ކުޅެމުން ދަނިކޮށް. އެ މީހުންނަކަށް ނެތް އަހަރެން ބުނާ އަޑުއެހުން ނޫން އިތުރު ގޮތެއް . ބައެއް ފަހަރު އަހަރެންގެ ތަޖުރިބާއާއެކު ބުނެވޭ ގޮތުން އަހަންނަށް އޯވަ އިމޯޝަނަލް ވެވޭ. އަހަރެން މިހެން ޕޮޒިޓިވްކޮށް ހުރުމަކީ ޓީމަށް ލިބޭ ހިތްވަރެއް." ޗެތުރީ ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖެހި ގޯލުތަކާއެކު ޗެތުރީ ވަނީ ގައުމީ ޓީމަށް 125 މެޗުން 80 ގޯލު ޖަހައިފައެވެ. ޗެތުރީ ވަނީ ލައޮނަލް މެސީ އާޖެންޓީނާ އަށް ލަނޑު ޖަހައިދިން އަދަދަށް އިންޑިއާ ގައުމީ ޓީމަށް ލަނޑު ޖަހައިދީފައެވެ. ޗެތުރީއަކީ މިހާރު އިންޑިޔާގެ ގައުމީ ޓީމްގައި ހުރި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާއެވެ.