ގައުމީ ޓީމަށް ދޭ ސަޕޯޓް ރާއްޖޭގެ ކުލަބްތަކަށްވެސް ލިބޭނަމަ، ކުލަބްތަކުގެ އިތުރުން ގައުމީ ޓީމަށްވެސް ކާމިޔާބު ހޯދަން ފަސޭހަވާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. ބައްސާމް މިހެން ވިދާޅުވެފައިވަނީ އުރީދޫ ސާފް ޗެންޕިއަންޝިޕް ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައެވެ. މިއީ ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރުއެވެ. 2008ވަނަ އަހަރު ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ބާއްވާފައިވަނީ އަވަށްޓެރި ލަންކާ އާއި ގުޅިގެންނެވެ. ނަމަވެސް މިއީ ހަމައެކަނި މާލޭގައި މިމުބާރާތް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުއެވެ.
އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން އިންޑިޔާ ހޯދާފައިވަނީ ފައިނަލްގައި ނޭޕާލް 3 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. ދެހާހުގެ އަހަރުތަކުން ފެށިގެން ފުޓްބޯޅައިގެ ފޯރި ކުޑަވެ، ލީގް މެޗުތައް ބަލަން ވަންނަ މީހުން ވަރަށް މަދުވެފައި ވީނަމަވެސް، މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗްތަކުގައި ފެނިފައިވަނި މުޅިން ތަފާތު މަންޒަރެކެވެ. ރާއްޖެ ކުޅުނު ކޮންމެ މެޗެއްވެސް ސަޕޯޓަރުންވަނީ ދަނޑު ފުރާލާފައެވެ.
ބާއްސާމް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމަށް އޮންނަ ސަޕޯޓް، ރާއްޖޭގެ ކުލަބުތައް ކުޅޭ މެޗްތަކުގައިވެސް ބޭނުންވާކަމަށެވެ. އަދި މިފަދަ ސަޕޯޓެއް ރާއްޖޭގެ ކުލަބުތަކަށް ލިބޭނަމަ، މިހާރު މިއޮތްވަރަށް ވުރެއް ފުރިހަމައަށް ގައުމީ ޓީމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށެވެ.
"ގައުމީ ޓީމަށް އެ ދޭ ހިތްވަރު އެ ދޭ ޖޯޝުގައި އެ ދޭ ފޯރީގައި ހަމަ އަޅުގަނޑު ދަންނަވާނީ ކްލަބްތަކަށް ވެސް ސަޕޯޓް ދޭށޭ. ރާއްޖޭގެ ލީގު ކުރިއަށްދާއިރު ހަމަ ދަނޑަށް ވަޑައިގަންނަވާށޭ. އަދި މި ޒުވާން ކުޅުންތެރިންނަށް ހިތްވަރުދީފިނަމަ މާ ދުރަކުންނެއް ނޫން އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާ ތަން ފެނިގެންދާނެ،" ބައްސާމް ބުންޏެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ވެސް ކުޅެން ޖެހޭ ކަމަށާއި އިންޓަނޭޝަނަލް މުބާރާތް ވެސް ބާއްވަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އިންޓަނޭޝަނަލް ޓޯނަމެންޓްތައް ބާއްވާ މިހާރު އޮތް ޒުވާން ގައުމީ ޓީމަށް އިތުރު ފުރުސަތުތައް ހޯދައިދޭން ޖެހޭކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް އިންތިޒާމްތައް ދިޔަލެއް ރަނގަޅުކަމުންނާއި މުބާރާތް ކުރިއަށް ދިޔައިރުގައި އެކިކަންތައްތަކަށް އެއްބާރުލުން ދީފައިވާ ފަރާތްތަކަށްވެސް ބައްސާމް ވަނީ ޝުކުރު އަދާކޮށްފައެވެ.