ކުޅިވަރު

އިންޑިޔާ ބަލިކުރަން ބޭނުންނަމަ ރާއްޖޭގެ ލީގް ވަރުގަދަ ކުރަންޖެހޭ: އަކްރަމް


ގައުމީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ މެޗްގައި ނޭޕާލް އަތުން ބަލިވުންކަމަށް ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި ނޭޕާލް އަތުން ބަލިވެފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. އެމެޗުން ބަލިވިނަމަވެސް ޖެހިގެންއައި ބަންގްލަދޭޝް އާއި ލަންކާ މެޗުން ވަނީ މޮޅުވެފައެވެ. ނަމަވެސް ލީގް ބުރުގެ އެންމެ ފަހު މެޗްގައި އިންޑިޔާ އަތުން ރާއްޖެ ބަލިވުމާއި ގުޅިގެން ރާއްޖެއަށް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ.

މުބާރާތަށްފަހު ދިން އިންޓަވިއުއެއްގައި ގައުމީ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނީ ރާއްޖޭގެ ފުރަތަމަ މެޗްގައި ނޭޕާލްއަތުން ބަލިވުމާއި ގުޅިގެން ގިނަ އުނދަގޫތަކާއި ކުރިމަތިލާންޖެހުނުކަމަށާއި ޚާއްސަކޮށް އެމެޗުން ބަލިވުމާއި ގުޅިގެން އެންމެ ފަހު މެޗަށް އިންޑިޔާއާއި ދެކޮޅަށް ނިކުތީ ވަރަށް ބޮޑު ޕްރެޝަރަކާއިއެކުކަމާށާއި މެޗްގައި އިންޑިޔާގެ ޓީމުގެ ތަފާތު ފެނިގެން ގޮސްފައިވާކަމަށެވެ. އަކްރަމް ބުނީ ފައިނަލް މެޗްގައި ފެނިގެންދިޔައީ އިންޑިޔާގެ ލީގްގެ ތަފާތުކަމަށެވެ. ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ކިތަންމެ ގިނަ ނަމަވެސް، އިންޑިޔާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު، ރާއްޖޭގެ ލީގްވެސް ވަރުގަދަ ވާންޖެހޭކަމަށް އަކްރަމް ބުންޏެވެ. އަދި ލީގް ވަރުގަދަ ވުމަކީ ގައުމީ ޓީމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމެއްކަމަށްވެސް އަކްރަމް ބުންޏެވެ.

"އިންޑިއާގެ ލީގާ އެއްޗެހި ވަރުގަދަ ވީމަ އެ މީހުން އެ ކަމަށް ކުރާ ހަރަދާއި މަސައްކަތް ރަނގަޅީއޭ އަޅުގަނޑު ދަންނަވާނީ. ފަހު މެޗުގައި ފެނުނީ އިންޑިއާ ލީގުގެ ކޮލިޓީއާ ހުރިހާ ކަމެއް އެ މީހުން އެ ދައްކާލައިދިނީ. އަޅުގަނޑުމެންގެ ލީގު ވެސް މި އަށް ވުރެ ފުރިހަމަ ވާން ޖެހޭ" އަކްރަމް ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފެއާޕްލޭ ޓީމަކަށް ރާއްޖެ ހޮވުނުއިރު މުބާރާތުގެ އެންމެ ގިނަ ގޯލާއި އެންމެ މޮޅު ކުޅުންތެރިޔާ ލިބިފައިވަނީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ.