ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ގައުމީ ކްރިކެޓް ޓީމްތަކުން ހޯދާ ކާމިޔާބީތަކަށް ޚާއްސަ ބޯނަސް ސްކީމެއް ތަޢާރަފްކޮށްފިއެވެ. މިސްކީމް ތަޢާރަފްކޮށްފައިވަނީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ޓީމަށް ޖޯޒީ ހަވާލް ކުރުމަށް ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
މި ސްކީމްގެ ދަށުން ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި މުބާރާތުން ފެށިގެން ކްރިކެޓް މުބާރާތްތަކުން މޮޅުވާ އަންހެން އަދި ފިރިހެން ޓީމަކަށް ބޯނަހެއްގެ ގޮތުގައި ވިހި ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު، 50 ލަނޑު ހަދާ ކުޅުންތެރިއަކަށް 2500 ރުފިޔާ ދޭން އަދި ސެންޗަރީއެއް ހަދާ ކުޅުންތެރިއަކަށް 5000 ރުފިޔާ ދޭން ސީބީއެމްއިން ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް ތިން ވިކެޓް ނަގާ ކުޅުންތެރިއަކަށް 1500 ރުފިޔާ ދޭން ނިންމާފައިވާއިރު ފަސް ވިކެޓް ނަގާ ކުޅުންތެރިއަކަށް 2500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ގައުމީ ކްރިކެޓް ޓީމްތަކުން ހޯދާ ކާމިޔާބީތަކަށް ޚާއްސަ ސީބީއެމްއިން ތަޢާރަފްކޮށްފައިވާއިރު، ގައުމީ ކްރިކެޓް ޓީމް މިހާރުދަނީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި މިމަހުގެ 23ވަނަ ދުވަހު ކޮލިފައިންގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 24 ވަނަ ދުވަހު ގަތަރާ ބައްދަލުކުރާނެއެވެ. އަދި ތިން ވަނަ މެޗުގައި މި މަހު 27 ވަނަ ދުވަހު ބަހްރެއިނާ ބައްދަލުކުރުމަށްފަހު ފަހު މެޗުގައި ކުވެއިތާ ބައްދަލުކުރާނެއެވެ. މި ޓީމްގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މުޙައްމަދު މަހަފޫޒްއެވެ.
ކްރިކެޓް ކައުންސިލާއި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އެހީތެރިކަމާއެކު މާލެ އާއި ފުވައްމުލަކުގައި ކްރިކެޓްގެ ދެ ވިކެޓް ޓާފް އަޅަން ވަނީ ނިންމާފައެވެ.