ކުޅިވަރު

2028ވަނަ އަަހަރުގެ އޮލިމްޕިކްސްއަށް ބީޗް ވޮލީ ޕެއަރއެއް ކޮލިފައިކުރަނީ


އެފްއައިވީބީގެ އެހީތެރިކާމާ 2028ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްއަށް ރާއްޖެއިން ޕެއަރއެއް ކޮލިފައިކޮށްދިނުމަކީ މިހާރު އެންމެ ބޮޑު އެއް އަމާޒްކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ. ރަނޭޝް މިހެން ވިދާޅުވެފައިވަނީ ވޮލީގެ މައި ޖަމިއްޔާގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ބީޗް ވޮލީ ކުރިއެރުވުމަށް އެފްއައިވީބީގެ އެހީތެރިކަމުގެ އިތުރުން ދެ އަހަރު ދުވަސްވަންދެން ރާއްޖެގެ ކުޅުންތެރިންނާއި ރާއްޖޭގެ ކޯޗުން ތަމްރީން ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވަނިކޮށެވެ.

ގްރާސާގެ މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި އެ އިދާރާގެ އިސްބޭފުޅުން ވަނީ ބައްދަލުކޮށްފައެވެ. އެފްއައިވީބީން ވަނީ ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން އެޖަމިއްޔާގެ އެމްޕަވާމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އެއްބަސްވުމެއް ގާއިމްކޮށްފައެވެ.

ގްރާސާގެ މިދަތުރުފުޅާއި ބެހޭގޮތުން ވާހަކަދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ އެފްއައިވީބީގެ އެހީތެރިކަމާއެކު ރާއްޖޭގެ ބީޗް ވޮލީ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަށް ކުރެވިގެންދާނެކަމަށާއި ޚާއްސަކޮށް ގްރާސާގެ އެހީތެރިކަމާއެކު ރާއްޖޭގައި ބީޗް ވޮލީގެ އެންމެ ބޮޑެތި މުބާރާތްތައް ބޭއްވިގެން ދިއުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ރަނޭޝް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޯޗުންނާއި ކުޅުންތެރިން ތަމްރީން ކުރުމަށް އެފްއައިވީބީއިން އަންނަ ކޯޗު ޑިސެންބަރު މަހުގެ ތެރޭގައި އަންނާނެކަމަށް އުއްމީދު ކުރާކަމަށްވެސް ރަނޭޝް ވިދާޅުވިއެވެ.

ރަނޭޝް ވިދާޅުވީ ދުރު ރާސްތާ ޕްލޭން ކުރިޔަށްދާއިރު ކައިރި މުސްތަގްބަލުގައި ހާސިލް ކުރަން ބޭނުވާ ކަންތައްތައް މިހާރު ދަނީ ކުރަމުންނެވެ. އެންމެ ފުރަތަމަ ނިމިގެންދިޔަ އައިއޯއައިޖީގައި ބީޗްވޮލީއަށް ލިބިފައިވާ ސިލްވާ މެޑަލް، ގޯލްޑް މެޑަލްއަކަށް ބަދަލް ކުރުމަށް މަސައްކަތް ކުރާނެކަމަށާއި 2028ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ރާއްޖޭގެ ބީޗް ވޮލީ ޕެއަރއެއް ކޮލިފައިކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރާނެކަމަށްވެސް ރަނޭޝް ވިދާޅުވިއެވެ. އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކުޅެންޖެހޭ ކޮލިފައިން މުބާރާތްތަކުގެ ރޭންކިން މައްޗަށް ޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް ކުރާނެކަމަށް ރަނޭޝް ވިދާޅުވިއެވެ.

އެފްއައިވީބީން ރާއްޖޭގެ ވޮލީ އަށް ކޮށްދޭނެ ގިނަ ކަންކަމާ ބެހޭގޮތުން ގްރާސާގެ މިދަތުރުފުޅުގައިވަނީ މަޝްވަރާކޮށްފައެވެ. ބީޗް ވޮލީބޯޅައިގެ ކަންކަމުގައި ޓްރެއިނިންއަށް ރާއްޖެ އަންނާނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހަތް ކޯޗުންގެ ތެރެއިން ކޯޗެއް ކަމަށް ރަނޭޝް ވިދާޅުވިއެވެ.