ކުޅިވަރު

ގައުމީ ޓީމް ކުޅޭ އޭޝިއަން ކަޕްގެ ކޮލިފައިންގެ މެޗުތައް ސެންޓްރަލައިޒްކޮށްފި


އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަަލައިޒްކޮށް ކުރިއަށް ގެންދަން އޭއެފްސީން ނިންމައިފިއެވެ. އޭއެފްސީއިން މިބަދަލު ގެނައި އެންމެ ބޮޑު ބޭނުމެއްކަމަށް ބެލެވެނީ ކޯވިޑް-19އާއި ގުޅިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރު ކުރުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުންނެވެ. އޭއެފްސީންވަނީ އޭއެފްސީ ކަޕްގެ މެޗްތައްވެސް ސެންޓްރަލައިޒްކޮށްގެން ކުޅެފައެވެ. އެގޮތުން ރާއްޖޭގެ ލީގް ޗެންޕިއަން މާޒިޔާ ހިމެނުނު ގުރޫޕް ޑީގެ މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށް މާލޭގައެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަަލައިޒް ކުރުމާއި ގުޅިގެން ކުޅޭ މެޗްތަކުގެ އަދަދު މަދުވާނެއެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ކުޅުނުނަމަ، ކޮންމެ ޓީމަކަށްވެސް 6 މެޗް ކުޅެން ލިބޭނެއެވެ. ނަމަވެސް މިހާރު ކޮންމެ ޓީމަކަށްވެސް ކޮލިފައިންގައި ލިބެނީ 3 މެޗް ކުޅޭށެވެ. އޭޝިއަން ކަޕްގެ ކޮލިފައިންއަށް މިގެނެވުނު ބަދަލާއެކު ރާއްޖެއަށް އަމިއްލަ ފަސްގަނޑުގައި މެޗްތައް ކުޅުމުގެ ފުރުސަތު ގެއްލިދާނެއެވެ. އަމިއްލަ ފަސް ގަނޑުގައި ކުޅުމުގެ ފުރުސަތު ރާއްޖެއަށް ދެން ލިބޭނީ ސެޓްރަލައިޒްކޮށްފައިވާ މިމެޗްތައް އަދި ރާއްޖޭ ހިމެނޭ ގުރޫޕްގެ މެޗްތައް ރާއްޖޭގައި ކުޅެވިގެންނެވެ.

މިހާރު އޮތް ގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ފީފާ އެންމެ ފަހުގެ ރޭންކިން އަށް ބަލައިގެންނެވެ. ޕޮޓްތަކަށް ޓީމުތައް ބަހާފައިވަނީ މި ވަގުތު ފީފާ ރޭންކިން އަށް ބެލުމަށް ފަހުއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދީފައިވަނީ ތަޖްރިބާކާރު ކޯޗް ޢަލީ ސުޒޭންއެވެ. މުބާރާތުގެ ކުރިން އެފްއޭއެމުން ބުނީ ސާފް ޗެންޕިއަންޝިޕަށް ދިވެހި ކޯޗެއް ހަމަޖެއްސީ މުބާރާތުގެ ހުރިހާކަމެއްވެސް ދިވެހިން ލައިންގެން ކުރުމުގެ ބޭނުމުގައިކަމަށާއި އަދި ދިވެހި ކޯޗުންނަށްވެސް ފުރުސަތުދީ އެކޯޗުންގެ ގާބިލްކަން ދެއްކުމުގެ ބޭނުމުގައިކަމަށެވެ. އަދި ސާފް ޗެންޕިއަންޝިޕަށްފަހު އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތަކުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ އާ ކޯޗެއްކަމަށްވެސް އެފްއޭއެމުންވަނީ މީގެ ކުރިން ބުނެފައެވެ.