ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތަފްސީލް ހާމަކުރައްވާފައެވެ. ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ، މާލެ އަތޮޅުގެ ފަޅެއް އެބޯނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އެއް މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު، އެފައިސާވެސް އަދި ޗެކުވެސް ދައުލަތައް ލިބިފައިނުވާތީއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ، ޓުއަރިޒަމް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވެއިރު، މިފަޅުގެ ކަންތައް މިހެން ގޮސްފައިވާތީއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޝަރީއަތުގައި ޒިޔަތު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުވާއަށް ޖަވާބުދާރީވުމަށް ޒިޔަތަށް ވަނީ ހަތްދުވަހުގެ މުއްދަތެއް ކޯޓުން ދެއްވާފައެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އެދުނީ ޤާނޫނީ ވަކީލެއް ހަމަޖައްސައިދެއްވުމަށެވެ. ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ވަނީ އެއްމަސްދުވަހުގެ މުއްދަތެއް ކޯޓުން ދެއްވާފައެވެ. ދޫނިދޫގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ކޯޓުން ވަނީ އެކަން ހަމަޖައްސައިދެއްވާނޭކަމަށް ވިދާޅުވެފައެވެ. އަދި އަދީބާއި ޒިޔަތުގެ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބާއި ޒިޔަތު ބަންދުގައި ބެހެއްޓުމަށް މުއްދަތު ދެއްވާފައެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން، އަދީބުގެ މައްޗަށް ވަނީ އޭނާ އުޅުނު އެޕާރޓްމަންޓަކުން ފިސްތޯލައެއް ފެނުނު މައްސަލައިގަވެސް ދައުވާ އުފުލާފައެވެ.