ޚަބަރު

ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި ދަނޑު ހުޅުވުމަށްފަހު ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މި މެޗް 6 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޤައުމީ ޓީމެވެ. މިއީ މާލޭއިން ބޭރުގައި ގައުމީ ޓީމްއިން މިފަދަ ގޮތަކަށް ކުޅުނު ދެވަނަ މެޗްއެވެ. މީގެ ކުރިން ގައުމީ ޓީމްއިން ވަނީ ބ.އަތޮޅު އޭދަފުށީގައި ހަދާފައިވާ ޓާފް ދަނޑު ހުޅުވުމުގެ ގޮތުންވެސް މެެޗެއް ކުޅެފައެވެ.

ކުޅުދުއްފުށި ސިޓީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި ވާއިރު، ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހަވާލުކުރީ އާރު.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓާއެވެ.

ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މި ދަނޑުގެ އިތުރުންވެސް ކުޅުދުއްފުށީގައި ކުޅިވަރު ކުޅެވޭނެ އިތުރު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

"ރައީސް އަޅުގަނޑު ކައިރިގައި ވިދާޅުވެފައިވަނީ މިދަނޑުގައި ކޮންމެހެންވެސް ލައިޓްއާއި ރޮސްޓްރަމްގެ މަސައްކަތް ފަށައި ދިނުމަށް. ވީމާ ވީހާވެސް އަވަހަކަށް އެމަސައްކަތް ފެށިގެންދާނެ. މިއާއެކު ކޮރަލް ދަނޑުގެ ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވާނީ ކައުންސިލްއާއި ހަވާލް ކުރެވިފަ. އަދި އެންމެ އުފާވެރި އެއްކަމަކަށް އޮތީ އޭދަފުށީގައި ގާއިމް ކުރާ ސިންތަޓިކް ޓްރެކްގެ މަސައްކަތް އަދި ނެޓްބޯލް، ބާސްކެޓް، ހޭންޑް ބޯލް، ވޮލީ ބޯލް ހިމެނޭގޮތަށް އިންޓަރނޭޝަނަލް ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮންޕްލެކްސްއެއް ގާއިމް ކުރުމަށްވަނީ ނިމިފަ. އިންޑިޔާގެ އެހީތެރިކަމާއެކީގައި އެމަސައްކަތް މިއަންނަ އަހަރު ފެށިގެންދާނެ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.