ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި ސައުދީ އަތުން ބަލިވެއްޖެއެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވެފައިވަނީ ހަތް ވިކެޓުންނެވެ.
ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ރާއްޖެއިން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ބޯޅައިން 20 ލަނޑު ހެދި އިބްރާހީމް ނަޝާތުއެވެ. އަދި މުޙައްމަދު ރިޝްވާން އާއި ހަސަން އިބްރާހިމް އެ ދެ ކުޅުންތެރިންވެސްވަނީ 14 ލަނޑު ހަދާފައެވެ. މިއިނިންގްސްގައި 9 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ރާއްޖެއަށް ހެދުނީ 98 ލަނޑުއެވެ.
ޖަވާބުގައި ސައުދީއިން ކުޅެންއަރާ އެޓީމުން 15.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން އެޓީމުންވަނީ 101 ލަނޑު ހަދާ، ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްފައެވެ. މިމެޗްގައި ސައުދީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން ޢަބްދުލްވަހީދާއި ފައިސަލް ހާންއެވެ. ކެޕްޓަން ވަހީދު ވަނީ 36 ބޯޅައިން 33 ލަނޑު ހަދާފައެވެ. އަދި ފައިސަލް ވަނީ 24 ބޯޅައިން 41 ލަނޑު ހަދާފައެވެ.
ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ގައުމީ ކްރިކެޓް ޓީމުން އެއްވެސް މުބާރާތެއްގައި ބައިވެރިވެފައެއް ނުވެއެވެ. މިއީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއަށް ފަހު ގައުމީ ކްރިކެޓް ޓީމުން ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ.