ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕުން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަނީ


މިއަހަރުގެ ފުޓްބޯޅަ ސީޒަން ޕްރެޒިޑެންޓްސް ކަޕުން ފަށާގޮތަށް އެފްއޭއެމުން ނިންމައިފިއެވެ. އެފްއޭއެމުން ވަނީ މިއަހަރުގެ ކަލަންޑަރު އިޢުލާންކޮށްފައެވެ. އެގޮތުން ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުއެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް އެފްއޭއެމުން ބާއްވާފައިވަނީ 2017ވަނަ އަހަރުއެވެ. ނިމިގެންދިޔަ 3 ސީޒަންގައިވެސް އެފްއޭއެމަށް ޕްރެޒިޑެންޓްސް ކަޕް ބޭއްވިފައެއް ނުވެއެވެ. އެކި ސަބަބުތަކާއި ހުރެ މުބާރާތްވަނީ ތިން ފަހަރުމަތިން ކެންސަލް ކޮށްފައެވެ.

އެފްއޭއެމުން މިއަދު އިޢުލާނުކުރި ކަލަންޑަރުގައި ވަނީ ކުރިއަށް އޮތް ސީޒަންގައި ގިނަ މުބާރާތްތަކެއް ހިމަނާފައެވެ. ޑިސެންބަރު މަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދާނީ އެއް ބުރަށެވެ. މިއާއެކު އެންމެ ފަހު ސީޒަންގެ ލީގު ބުރުގައި ކުޅުނު 8 ޓީމު ވެސް މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭނެއެވެ. މިމުބާރާތުގެ ޗެންޕިއަންކަން ލިބޭނީ ލީގް ބުރު ކުޅެ އެއްވަނައަށްދާ ޓީމަކަށެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތަކަށް ޕްރެޒިޑެންޓްސް ކަޕުން ފެށިނަމަވެސް އާންމުކޮށް ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވޭ ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުއެވެ. މިގޮތުން ސީޒަން ހުޅުވާ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާ އާއި ލީގުގެ ރަނަރަޕް ކުލަބް ވެލެންސިޔާއެވެ. ޗެރިޓީ ޝީލްޑަށް ފަހު ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ. އެންމެ ފަހުގެ ސީޒަންވެސް 3 ބުރަށް ކުޅުމަށް ނިންމާފައިވީނަމަވެސް، ކޯވިޑް-19އާއި ގުޅިގެން 3ވަނަ ބުރު ނުކުޅެ ލީގު ވަނީ މެދުކަނޑާލާފައެވެ. އަދި ކޯވިޑް-19އާއި ގުޅިގެން ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ވެސް ވަނީ ބޭއްވޭގޮތް ނުވެފައެވެ. ނަމަވެސް މިއަހަރުގެ ކަލަންޑަރު އާންމުކުރިއިރުގައި ޕްރިމިއަރ ލީގު ތިން ބުރު ކުޅޭގޮތަށް ވަނީ ތާވަލްކޮށްފައެވެ.

ގިނަ މުބާރާތްތަކެއް ކުރިއަށް އޮތް ސީޒަނަށް ތާވަލްކޮށްފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ތާވަލްކޮށްފައި އޮތީ އޮގަސްޓް 5، 10 އަދި 14 ވަނަ ދުވަހު ކުޅޭ ގޮތަށެވެ. އަދި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުޅުމަށް ތާވަލްކޮށްފައި އޮތީ ޖޫން މަހުގެ 27 ފެށިގެން ޖުލައި މަހުގެ 28 ނިޔަލަށެވެ. އަދި މީގެ އިތުރުން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ރާއްޖެއިން ބައިވެރިވާ އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތައް މިހާރު އޭއެފްސީއިން ވަނީ ސެންޓްރަލައިޒްކޮށްފައެވެ. އަދި އޭއެފްސީ ކަޕްގެ މެޗްތަށްވެސް މިއަހަރު ކުރިއަށް ގެންދާނީ ސެންޓްރަލައިޒްކޮށެވެ.