ޚަބަރު

ދެވަނަ މެޗުގައި ގަތަރު އަތުންވެސް ރާއްޖެ ބަލިވެއްޖެ


ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ދެ ވަނަ މެޗުން ބަލިވެއްޖެއެވެ. މިމުބާރާތުގައި ރާއްޖެ ދެވަނަ މެޗުން ބަލިވެފައިވަނީ ގަތަރާއި ވާދަކޮށް 98 ލަނޑުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ސަޢުދި އަރަބިއްޔާއާއެވެ. އެމެޗުން ރާއްޖެ ބަލިވެފައިވަނީ 7 ވިކެޓުންނެވެ.

ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ރާއްޖެއިން ގަސްތުކުރީ ހޮވާށެވެ. ގަތަރުން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 154 ލަނޑު ހެދިއެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެންއަރާ 18.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 56 ލަނޑެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުނީ 28 ބޯޅައިން 18 ލަނޑު ހެދި އަހުމަދު ހަސަންއެވެ.

ކޮލިފައިން ގްރޫޕްގައި ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައިގައި އޮތީ ކުވެއިތެވެ. ދެ ވަނައިގައި އޮތީ ސައުދީ އަރަބިއްޔާއެވެ. އަދި ތިން ވަނައިގައި ގަތަރު އޮތްއިރު، ހަތަރުވަނައިގައި އޮތީ ބަހުރެއިނެވެ. ދެ މެޗުން މޮޅެއް ނުލިބި ރާއްޖެ އޮތީ ގުރޫޕްގެ އެންމެ ފުލުގައެވެ. މި ކޮލިފައިންގައި ރާއްޖެ ބުދަ ދުވަހު ނިކުންނާނީ ބަހްރެއިނާއި ދެކޮޅަށެވެ.