ކުޅިވަރު

ސާބާގައި ގައުމީ ޓީމަށް މެޑަލްއެއް ހޯދޭނެ - އިލްޔާސް


ކުރިއަށް އޮތް ސައުތު އޭޝިއަން ބާސްކެޓް ޗެންޕިއަންޝިޕް (ސާބާ)ގައި ވާދަކުރާ ގައުމީ ޓީމުން ދުބާއީގައި ކުރިއަށްގެންދިޔަ ކޭންޕުގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރާނެކަމަށް ގައުމީ ބާސްކެޓް ޓީމުގެ ކޯޗް އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެއެވެ. ސާބާ މުބާރާތް އޮންނާނީ އަންނަ މަހުގެ 15ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. މި މުބާރާތުގައި ވާދަކުރުމަށް ބާސްކެޓް ޓީމް ދުބާއީގައި ކުރި ފަރިތަކުރުންތަކުގައިވަނީ އެގައުމުގައި އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ.

މިތިން މެޗުން ގައުމީ ޓީމް ބަލިވެފައިވީނަމަވެސް އިލްޔާސް ބުނީ މިތިން މެޗުންވެސް ގައުމީ ޓީމަށް ވަދަށް ބޮޑު ފައިދާއެއް ކޮށްފައިވާކަމަށެވެ. ކޯވިޑް-19އާއި ގުޅިގެން ގައުމީ ބާސްކެޓް ޓީމުގެ އިތުރުން އެސޯސިއޭޝަނަށް މިދިޔަ އަހަރު އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދެވެއެވެ. ގައުމީ ބާސްކެޓް ޓީމުން އެންމެ ފަހުން ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައެވެ. ދުބާއީގައި ރާއްޖޭގެ ޓީމުން ތިން މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗް ކުޅެފައިވަނީ ދުބާއީގައި ދިރިއުޅޭ ސީރިޔާ ކުޅުންތެރިންނާއެކު، ބޯލް އަބަލް އޯލް ޓީމްގެ އިތުރުން ދުބާއީގެ އެމެރިކަން ޔުނިވާސިޓީގެ ޓީމާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ކޯޗު އިލްޔާސް އިބްރާހީމް ބުނީ ޚާއްސަކޮށް ގައުމީ ޓީމުން ގިނަ ދުވަސްތަކެއް ވަންދެން ވާދަވެރި މުބާރާތެއް ނުކުޅެ، ކުރިއަށް ސާބާ މުބާރާތުގެ ކުރިން މިފަދަ ކޭންޕެއް ލިބުމުން ޓީމު ބައްޓަން ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދިޔަކަމަށާއި ދުބާއީގެ ވަރުގަދަ ޓީމުތަކާއިއެކު މެޗްތައް ކުޅުމުން ޓީމުގެ ކުޅުންތެރިންނަށްވެސް ބޮޑު ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ.

"ނުކުޅެ ގިނަ ދުވަސްވީމަ ވަރަށް ގިނަ އުދަގޫކަންތައް ދިމާވި. މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީވެސް ޓީމްގެ ކުޅުންތެރިން ނުކުޅެ ގިނަ ދުވަސްވީމަ އެކަމަށް ހައްލެއް ގެނައުން. މިއާއެކު މިދަތުރުގެ ތެރެއިން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަ. މީގެ ނަތީޖާ ކުރިއަށް އޮތް މުބާރާތުގައި ފެންނާނެކަމަށް އުއްމީދު ކުރަން. މިސަރަހައްދުގައި ވާދަކުރާ ޓީމްތަކަށް ވުރެއް ރަނގަޅު ޓީމްތަކާއި ދެކޮޅަށް މެޗްތައް ކުޅެން ލިބުމުން، އެކަމުގެ ފައިދާވެސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާނެ. ވަރަށް ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅުންތެރިންވަނީ ވަރަށް ރަނގަޅަށް ކުޅެފަ. މެޗުން ބަލިވިނަމަވެސް ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭ. އެހެންވީމަ މިމެޗްތަކުގެ ފައިދާ ކުރިއަށް އޮތް މުބާރާތުގައި ކުރާނެކަމަށް މިބަލަނީ." އިލްޔާސް ބުންޏެވެ.

އިލްޔާސް ބުނީ ދުބާއީގައި ކުޅުނު އެކުވެރިކަމުގެ މެޗްތަކުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު، އެފެންވަރުގައި ސާބާ މުބާރާތުގައި ކުޅެފިނަމަ، ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ އިތުރުން މެޑަލްއެއްވެސް ހޯދޭނެކަމަށް އުއްމީދު ކުރެވޭކަމަށްވެސް އިލްޔާސް ބުންޏެވެ.